އެއީ ޒުވާން ދެމަފިރިންނެވެ. ފިރިމީހާގެ މަންމައަކީ ޢުމުރުން ދުވަސްވެފައިވާ އަންހެނެއް ނަމަވެސް މަހަކު އެއްފަހަރުހެން މަންމަ ގޮވައިގެން ރެސްޓޯރަންޓަކަށް ކާންދިއުމަކީ ފިރިމީހާގެ އާދައެކެވެ. ކައިވެންޏަށްފަހުވެސް އެކަން އެގޮތަށް ކުރަން ފިރިމީހާ ބޭނުންވިއެވެ.
މަންމަ ގޮވައިގެން ދެމަފިރިން އެކުގައި ފިރިމީހާ ރެސްޓޯރަންޓަކަށް ދިއަ ރެއެކެވެ. މަންމަ އަކީ އަތްތުރުއަޅާބަލި ތަންކޮޅެއް ބޮޑަށް ހުންނަ މީހަކަށްވުމުން ކާންފެށިތަނުން ގައަށް އެތިކޮޅެއް އެޅުނެވެ. ދަނބިދަރިފުޅުގެ ގައަށްވެސް ވެސް ބުރިއެވެ.
އެކަމާ ދަނބިދަރިފުޅު ހިތްހަމަނުޖެހުނުކަން އެނގުމުން ޓިޝޫއެއް ނަގާފައި ދިއްކޮށްލިއެވެ. ޓިޝޫ ބިންމައްޗަށް އެއްލައިލުމަށްފަހު ވެއިޓަރަކަށް ގޮވައި ޖެހިގެންހުރި މޭޒަށް މަންމަ ބަދަލުކުރުވިއެވެ. އެކަމަށް ހިތްހަމަނުޖެހި މަންމަ އިން މޭޒަށް ފިރިމީހާ ބަދަލުވިއެވެ.
ބަދަލުވެފައި އެކަން ނޖިންމައިލީއެއް ނޫނެވެ. މިހިސާބުން ކައިވެނި ނިމުނީކަން އަނބިމީހާއަށް އެންގުމުގެ ގޮތުން އޭނާގެ އިނގިލީގައި އޮތް ކައިވެނީގެ އަނގޮޓި ނަގައި އަނބިމީހާ ކާންއިން މޭޒަށް އެއްލައިލިއެވެ. އަނބިމީހާއަށް ކުރެވުނުކުށް ވިސްނި ދެރަވާން އެނގުނީ އެހިސާބުންނެވެ.
ދެރަވެ މާފަށް އެދުމުން ފިރިމީހާ ބުނީ ތިއައީ ހިތުގެ އަޑިން އެދޭއެދުމެއް ނަމަ މަންމަގެ ކިބައިން މާފަށް އެދުމަށެވެ. އަދި ތިއަ ކުރިފަދަ ކަމެއް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށް މަންމަގެ ގާތުގައި ބުނެ މަންމަގެ ހިތްޙަލާލު ހޯދުމަށެވެ.
އެޒުވާނާ އަނބިމީހާއަށް އަންގައިދިނީ އޭނާގެ މަންމަދެކެ ލޯބިނުވާ މީހަކާއި ގުޅިގެން އޭނާ ނުއުޅޭނެކަމެވެ. ބޭނުންވަނީ މަންމަދެކެ ލޯބިވާ މަންމައާއި އަޅައިލާ އަންތބަކު ކަމެވެ.
މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވީޑިއޯއެއްގައި ކަންކަން ފެނުނު ގޮތެވެ. މި މެސެޖަކީ ދުނިޔޭގެ ހުރިހާ ދަރިންނަށްވެސް ވަރަށް މުހިންމު މެސެޖަކަށްވުމުން ޙިއްޞާކޮށްލީއެވެ.
- އަލަފް / މިއަދުނޫސް