ގިނަ ކައިވެނިތަކެއް ރޫޅިގެންދާތީ އެންމެންވެސް ކަންބޮޑުވެއެވެ. ކަންބޮޑުވާވަރުން ކައިވެނި ނުކުރަންވެސް ގިނަ ބައަކު އެބަ ތިބެއެވެ. އެހެންވެ އެމީހުންނަށް އަހުރެން ބުނެލަން ބޭނުންވަނީ ކައިވެނި ރޫޅުމުގެ މައްސަލަ ގިނަވާތީ ކަންބޮޑުވެ ކައިވެނިނުކުރަން ނުތިބޭށެވެ. ރަނގަޅު މަޤްޞަތުގައި ކައިވެނިކުރާށެވެ.
މިޘާލަކަށް ކައިވެނި ކުރާއިރު އެކަން މިކުރަނީ އަނެކާއަށް ކުރިމަތިވާ ތަކްލީފްތަކުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ނިޔަތުގައި ކަމަށް ހަދައި ޢަމަލުކޮށްފިނަމަ އެކައިވެނި ރޫޅުންވާނީ ވަރަށް ނާދިރު ކަމަކަށެވެ. ނަމަވެސް މިނިޔަތަކީ އެކެއްގެ ނިޔަތް ކަމުގައި ވެގެނެއް މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. މަޤްޞަދު ޙާޞިލުކުރެވޭނީ ދެމީހުންވެސް އެގޮތަށް ނިޔަތްގަނެ އަދި ޢަމަލުވެސް ކުރުމުންނެވެ.
އަދިވެސް އިތުރު އެހެންކަމެއްވެސް ބުނެލާނަމެވެ. އެއީ ކައިވެނިމިކުރަނީ އަނެކާ ހިތްހަމަޖައްސައިދީ އުފަލުގައި ބެހެއްޓުމުގެ ނިޔަތުގައި ކަމަށް ހަދާށެވެ. ކުރިން ބުނިފަދައިން މިކަމުގައިވެސް މިނިޔަތަކީ އެކެއްގެ ނިޔަތް ކަމުގައި ވެގެނެއް މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. މަޤްޞަދު ޙާޞިލުކުރެވޭނީ ދެމީހުންވެސް އެގޮތަށް ނިޔަތްގަނެ އަދި ޢަމަލުވެސް ކުރުމުންނެވެ.
ދެން ބުނެލަން ޖެހެނީ އެންމެ ބޮޑަށް މައްސަލަ ޖެހޭ އެއްކަމަކީ އަނެކާގެ ކިބައިން ތިމާއަށް ބޭނުންވާ އުފާވެރިކަން ނުލިބުން ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. މިމައްސަލަ ކުރިމަތިވަނީވެސް ދެމީހުން އެއްވިސްނުމެއްގައި ކަންކަން ނުކުރާތީއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ އަނެކާއަށް ބޭނުންވާ އުފާވެރިކަން ހޯދައިދޭން ކަމަށް ހަދައިފިނަމަ އަނެކާއަށް އުފާވެރިކަން ހޯދައި ނުދެވޭތީ ތިމާއާއިމެދު ކުރެވޭނެ އެއްވެސް ޝަކުވާއެއް ނުއޮންނާނެއެވެ.
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ކައިވެނިކުރަނީ 2 މީހުންނެވެ! 2 މީހުން ކުރާ ކައިވެނި ދެމެހެއްޓޭނީވެސް 2 މީހުންނަށެވެ. 2 މީހުން އެކުގައި އެކަމަށް މަސައްކަތްކޮށްގެންނެވެ. 2 މީހުންގެ ވެސް މަޤްޞަދަކީ އެއް މަޤްޞަދަކަށް ހަދައި އެއް މިސްރާބަކަށް ދަތުރުކުރަން މަސައްކަތްކުރުމުންނެވެ.
- އަލަފް / މިއަދުނޫސް