ހުކުރު ދުވަހުގައިވާ ތިމާގެ ހުރިހާ ބޭނުންތަކެއް ފުދި ހިތްފުރާލަން ﷲ ދެއްވަވާ ފުރުޞަތު- ނަމަނަމަ ނަގާނުލާތި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 59ސ
ހުކުރު ދުވަހުގައިވާ ތިމާގެ ހުރިހާ ބޭނުންތަކެއް ފުދި ހިތްފުރާލަން ﷲ ދެއްވަވާ ފުރުޞަތު- ނަމަނަމަ ނަގާނުލާތި!

މިއީ ހަމަ ހަނދުމަކޮށްދިނުމެކެވެ. ހަނދުމަކޮށްދިނުމަކީ އަހުރެމެންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ޒިންމާއަކަށްވާތީ މި އަދާކުރަނީ އެ ވާޖިބެވެ.  

މާދަމާއަކީވެސް ހުކުރު ދުވަހެކެވެ. ހުކުރުދުވަހުގައި އެވަޤުތެއްގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެ ވަގުތެއް ވެއެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެވަގުތުކޮޅު ހިމެނިގެންވަނީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ.  

އަރެމެންނަށް އޮތީ އެވަގުތުކޮޅު ހޯދަން މަސައްކަތްކުރުމެވެ. އެވަގުތުކޮޅުގައި ދުޢާކުރެވޭތޯ މަސައްކަތްކުރުމެވެ. ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންގެ ޙައްޤެވެ. އިން ޝާ ﷲ  

ދުޢާކުރަން ކޮންމެހެން ވަކިތަނެއްގައި އިންނާކަށް ނުވަތަ ހުންނާކަށްވެސް ނުޖެހެއެވެ. އެމީހަކު ހުރި ކޮންމެތަނެއްގައި ހުރެގެންވެސް ދުޢާކުރެވޭނެއެވެ. މަސައްކަތްކުރަންވީ ހުކުރު ދުވަހު ވީހާގިނައިން ދުޢާކުރުމަށެވެ.  

ފުރަތަމަ ކަމަކަށް އެކަމަށް ރަނގަޅަށް ތައްޔާރުވާށެވެ! ފަތިސްނަމާދުން ފެށިގެން ނަމާދުތައްކުރާށެވެ! ޛިކުރުކުރާށެވެ! ވީހާ ކުރިއަކުން ހުކުރަށްދާށެވެ! ވީހާ ހެނދުނަކާ ކަހްފި ސޫރަތްވެސް ކިޔަވާށެވެ! ފަހުން ވަޤުތު ނުލިބިދާނެތީއެވެ. ވީހާ ގިނައިން ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ މައްޗަށް ޞަލަޥާތްކިޔަވާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން