އިނގިރޭސިވިލާތުގެ އިންތިހާބު ކާމިޔާބުކުރި ކީރް ސްޓާމަރއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެއެވެ.
ކީރް ސްޓާމަރ އިންތިޚާބުވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ބޭއްވި ޢާންމު އިންތިޚާބު، ދަ ލޭބަރ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓާއި ޕާޓީއަށާއި ސްޓާމަރއަށް ތަހުނިޔާ ވިދާޅުވާ ކަމަށެވެ.
އަދި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވެވަޑައިގަންނަވާކަން ވެސް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މިފަހަރުގެ އިންތިހާބުގައި މިހާރު ވެރިކަން ކުރަމުންދާ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިފައެވެ. އެ ޕާޓީއަށް ލިބޭނެކަމަށް ލަފާކޮށްފައި ވަނީ އެންމެ 131 ގޮނޑި އެވެ. މިނަތީޖާއާއިއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ރިޝީ ސުނާކްއަށް ވަނީ މަގަމު ގެއްލިފައެވެ.