ސިވިލް ސާވިސް ގެ މުވައްޒަފުން ގަވާއިދާ ޚިލާފު ނުވުމަށް އިލްތިމާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
ސިވިލް ސާވިސް ގެ މުވައްޒަފުން ގަވާއިދާ ޚިލާފު ނުވުމަށް އިލްތިމާސްކޮށްފި
ދިވެހި ސިވިލްސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުން، ސިވިލް ސާވިސްގެ ގަވައިދުތަކާއި ޚިލާފު ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ސީއެސްސީ އިން މިއަދު ނެރިފައިވާ ބަޔާނުގައި ވާ ގޮތުން، ސިވިލް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތް ތަކުގައި ބައިވެރިވެ އުޅުމުގެ ހުއްދަ ކުރާ ކަންތައްތަކާއި ހުއްދަ ނުކުރާ ކަންތައްތައް މުވައްޒަފުންނަށް ކަނޑައަޅާފައިވާ ގާނޫނުގެ 53 ވަނަ މާއްދާގައި ބާޔާންކޮށްފައި ވާނެކަމަށް ބުނެފައި ވެއެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ، ވަޒީފާގެ ހައިސިއްޔަތުން ލިބޭ އެއްވެސް ބާރެއް ސިޔާސީ ހަރަކާތްތަކަށް ބޭނުންކުރުމާއި މަގާމު އަދާ ކުރުމުގައި ވަކިސިޔާސީ ފަރާތަކަށް ޖެހިފައިވާކަން އެމީހެއްގެ ޢަމަލުތަކުން ދޭހަވާނަމަ ބެލެވެނީ ގާނޫނާއި ހިލާފުވާ ކަމަކަށެވެ.

އޭގެ އިތުރުން ރަސްމީ ގަޑިތަކުގައި ނުވަތަ ރަސްމީ މަސައްކަތެއްކުރާ އެއްވެސް ވަގުތެއްގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ނުވަތަ އެމީހެއްގެ މަގާމުގެ ވާޖިބުތަކަށް ހުރަސްއެޅޭ އެއްވެއް ސިޔާސީ މަސައްކަތެއް ކުރުމަކީ މަނާކަމެއްކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މަގާމެއް އަދާ ކުރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެގޮތުން އެމުވައްޒަފަކު އުޅުއްވާ މުއައްސަސާއިން ކަނޑައަޅާފައިވާ ގަވައިދު ތަކަށާއި ކަނޑައެޅިފައިވާ ގާނޫނަކާ ހިލާފުވާ އެއްވެސް އަމަލެއް ނުކުރުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަންކަމަށް ސަމާލުވުމަށް އެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.
މިއަދު އޮންލައިން