އިންޑިއާގެ ރާޖަސްތާނުގައި އުމުރުން ހަތް މަހުގެ ތުއްތު ކުއްޖަކު ރޭޕް ކޮށްފިއެވެ.
މީޑިއާ ރިޕޯޓުތަކުން ހަމަވެފައިވާ ގޮތުގައި އެތުއްތު ކުއްޖާ ރޭޕްކުރީ އުމުރުން 19 އަހަރުގެ މީހެކެވެ. އަދި އެމީހާ މަރަން ރާޖިސްތާނުގެ ކޯޓަކުން ވަނީ ހުކުމް ކޮށްފައެވެ.
އުމުރުން 12 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ރޭޕް ކޮށްފިނަމަ އެމީހަކު މަރަން ރާޖިސްތާނުން ޤާނޫނު ތަންފީޒުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުއެވެ. ރާޖިސްތާނަކީ މަަދްޔަ ޕްރަދޭޝްއަށް ފަހު، މިފަދަ ޤާނޫނެއް އިންޑިއާގައި ތަންފީޒުކުރި ދެވަނަ އަވަށެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި ތުއްތު ކުއްޖާ ރޭޕް ކުރި އެމީހާއަކީ އެކުއްޖާގެ ގާތްތިމާގެ މީހެކެވެ. އޭނާ އެކުއްޖާ އުރާލާފައި ގެންނާނަމޭ ބުނެ ގެއަށް ގެންދިޔުމަށްފަހު، ޚަބަރެއް ނުވުމުން ތުއްތު ކުއްޖާގެ މައިންބަފައިން އެގެއަށް ގޮސް ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ ބުނީ އަވައްޓެރިއެއް ތުއްތު ކުއްޖާ ގެންދިޔައީ ކަމަށެވެ.
ތުއްތު ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް އެކުއްޖާ ފެނިފައިވަނީ އެގެއާއި ކިލޯމީޓަރެއްހާ ދުރުގައި އޮތް ފުޓުބޯޅަ ދަނޑަކަށް އެއްލާލާފައި އޮއްވައެވެ.
އެތުއްތުކުއްޖާ 20 ދުވަސް ވަންދެން އަލްވަރު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ބާއްވާފައިވެއެވެ. ތުއްތު ކުއްޖާ ރޭޕް ކޮށްފައިވާކަން މެޑިކަލް ރިޕޯޓުން ވެސް ޔަގީން ވެފައިވެއެވެ.
ރޭޕްކުރި އުމުރުން 19 އަހަރުގެ މީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
"މި ފަދަ މައްސަލައަކީ ރާޖިސްތާނުން ފެނުނު އެންމެ ފުރަތަމަ މައްސަލަ" ޕަބްލިކް ޕްރޮސަކިއުޓަރ ކުލްޖީޕް ޖައިން ވިދާޅުވިއެވެ.
ވަރަށް އަވަސް ނިންމުމެއް ގެނެެވުނު ކަމަށާ މުޅިއެކު މި މައްސަލައިގައި 13 ކޯޓް އަޑުއެހުން ބޭއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ.