ސައުދީ ސަރުކާރުގެ ބަންދުގައި ހުންނެވި 83 ދުވަހު ކަންކަން ހިނގައި ދިއަ ގޮތުގެ ވާހަކަ އާއި ސައުދި ސަރުކާރާއިއެކު އެއްބަސްވެވަޑައިގެންނެވި ކަންކަމުގެ ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނޫން ކަމަށް ޕްރިންސް އަލްވަލީދު ވިދާޅުވެއްޖެއެވެ.
މަޝްހޫރު ވިޔަފާރި މަޖައްލާ ބްލޫމްބަރގަށް މައުލޫމާތު ދެއްވަމުން ޕްރިންސް އަލްވަލީދު ވިދާޅުވީ އެއްބަސްވެވުނު ކަންކަން ސިއްރުކުރަން ސައުދީ ސަރުކާރުން ބޭނުންވާ ކަމަށާއި އެކަމަށް އެއްބަސްވެވަޑައިގެންފައިވާނެ ކަމަށެވެ.
އަލްވަލީދު ވިދާޅުވީ އޭނާއަށް ގަނޑުވަރުން ފޯނުކުރައްވައި ގަނޑުވަރަށް ވަޑައިގަތުމަށް ދައުވަތުދެއްވުމުން ވަގުތުން ވަޑައިގެންނެވި ކަމަށެވެ. އަދި ރިޒްކާލްޓަން ހޮޓަލަށް ގެންދެވުނީ ގަނޑުވަރުން ކަމަށްވުމުން އެމަނިކުފާނު ހައްޔަރުކުރި ކަމަށް ވިދާޅުވަން ބޭނުން ފުޅު ނޫން ކަމަށެވެ.
އަލްވަލީދު ވަނީ އެ ހޮޓަލުގައި ބަންދުގައި 83 ދުވަހު ހުންނަވައިފައެވެ. އަދި އެބަންދާއި ގުޅިގެން އެމަނިކުފާނުގެ މައި ކުންފުންޏަށް މިހާރުވެސް ވަނީ 2 ބިލިއަނަށްވުރެ ބޮޑު ގެއްލުމެއް ވެފައެވެ.