މިދިޔަ މަހުގެ ތެރޭގައި ދެކުނު އެފްރިކާގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވި ޖެކޮބް ޒޫމާގެ މައްޗަށް ޣައިރު ޤާނޫނީ އެތައް ޖަރީމާތަކެއް ހިންގިކަމުގެ ދައުވާކުރައްވާނެކަމަށް އެ ޤައުމުގެ ޗީފް ޕްރޮސެކިއުޓާ ޝައުން އަބްރާހަމް ވިދާޅުވެއްޖެއެވެ.
އަބްރާހަމް ވިދާޅުވީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ޒޫމާގެ މައްޗަށް ތަހުޤީޤު ހިންގައި އޭނާއަށް ދައުވާކުރާނެކަމަށެވެ. އަދި އެންމެ އެކަށީގެންވާ ވަގުތުގައި އެންމެ އެކަށީގެންވާ ތަނެއްގައި އެ މަސައްކަތް ފެށޭނެކަމަށް އަބްރާހަމް ވިދާޅުވިއެވެ.
ޒޫމާގެ މައްޗަށް ޖުމުލަ 16 ދައުވާއެއް އުފުލޭނެކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޒޫމާގެ ސަރުކާރުގެ ހިންގާފައިވާ ޣައިރު ޤާނޫނީ ޖަރީމާތައްކަމަށްވާ ހަތިޔާރުގެ ވިޔަފާރިއެއް ހިންގުމާއި، އެ ވިޔަފާރިކުރުމަށް ހިންގާފައިވާ ވައްކަމާއި، ފަސާދައާއި، ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރީގެ މައްސަލަތައް ހިމެނެއެވެ.
އެންމެ ފުރަތަމަ ޒޫމާގެ މައްޗަށް މިފަދަ ދައުވާތަކެއް ކުރަން ފެށިފައިވަނީ، 2005 ވަނަ އަހަރުގެ ތެރޭގައި، ވައްކަމާއި ކޮރަޕްޝަންގެ މައްސަލައެއް ޒުމާގެ ފިނޭންޝިއަލް އެޑްވައިޒަރެއްގެ މައްޗަށް ސާބިތުވެ ޖަލަށްލުމާ ގުޅިގެންނެވެ.
ޒޫމާގެ މައްޗަށް ކުރެވޭ މި ދައުވާތަކުގެ ޝަރީއަތް 2006 ވަނަ އަހަރުގެ ތެރޭގައި މެދުކަނޑާލީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނުބެލޭނެކަމަށް އެ ޤައުމުގެ ކޯޓުން ނިންމުމާ ގުޅިގެންނެވެ.
މިދިޔަ މަހުގެ ތެރޭގައި ދެކުނު އެފްރިކާގެ ރައީސްކަމުން ޒޫމާ އިސްތިއުފާ ދެއްވާފައިވަނީ، ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އިން އޭނާ މަޤާމުން ވަކިކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެކަމަށް އަންގާފައިވަނިކޮށެވެ. ޒޫމާ އިސްތިއުފާ ދެއްވުމުން، އެ ޤައުމުގެ ރައީސްކަމާ ހަވާލުވީ އެއިރުގެ ނައިބު ރައީސް ސައިރިލް ރަމަފޮސާއެވެ. ސައިރިލް ރަމަފޮސާއަކީ ވެރިކަންކުރާ ޕާޓީ އޭއެންސީގެ މިހާރުގެ ލީޑަރެވެ.
ދެކުނު އެފްރިކާގެ ރައީސްކަމުގައި ނުވަ އަހަރު ދުވަހު ހުންނެވި ޒޫމާއަކީ އެކި ދުވަސްވަރު ފަސާދައާއި ހިޔާނާތާއި ކޮރަޕްޝަން ފަދަ ޣައިރު ޤާނޫނީ ޖަރީމާތަކެއް ހިންގާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.