ސީއެސްޓީއައިގެ 2018 ވަނަ އަހަރުގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ސީއެސްޓީއައިގެ 2018 ވަނަ އަހަރުގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ 2018 ވަނަ އަހަރުގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތު މިއަދު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބާއްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ފުރަތަމަ އިންޓޭކްގައި ދިގު މުއްދަތުގެ 3 ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި އެއީ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހާއި، ސެޓްފިކެޓް 3 އިން އެކައުންޓިންގ އެންޑް ފައިނޭންޝިއަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޕްރީ-ޑިޕްލޮމާ ޕްރޮގްރާމެކެވެ. މި 3 ކޯހުން ޖުމްލަ 70 އަށްވުރެ ގިނަ ފަރާތެއް ތަމްރީނު ކުރެވިގެންދާނެއެވެ.


ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހަކީ ސިވިލް ސަރވިސްގެ އިސް ފަންތީގައި ގައި ދިގުމުއްދަތަށް ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ހިންގުމުގެ ހުނަރު ތަރައްޤީކޮށް ޒަމާނީ ޤާބިލްކަން މަސައްކަތުގެ މާޙައުލަށް ގެނައުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މި ކޯސް ތައްޔާރު ކޮށްދީފައިވަނީ ސިންގަޕޫރުގެ މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓްއިންނެވެ.

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން އަކީ ފައިނޭނެސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ހުނަރު އިތުރުކުރުމުގެ މަގްސަދުގައި، ފައިނޭންސް ނުވަތަ ބަޖެޓްގެ މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކުރެވިގެން ކުރިއަށް ގެންދެވޭ ކޯހެކެވެ. މިއަހަރު މިކޯސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ސީއެސްޓީއައި އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސްއާއި ގުޅިގެންނެވެ.

ޕްރީ-ޑިޕްލޮމާ ކޯހަކީ 16 ހަފްތާގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހަށް މުވައްޒަފުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މި ކޯސްތަކުގެ އިތުރުން ދިގު މުއްދަތުގެ އިތުރު ކޯސްތަކާއި ކުރު މުއްދަތުގެ ގިނަ ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއަދު އޮންލައިން