ސައުދީ ޓްރާންސްޕޯޓް މިނިސްޓަރު ނާބިލް އަލްމައުދީ "ހައި ސްޕީޑް ރޭލް" ގައި މަދީނާ އިން މައްކާއަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.
މި ދަތުރުފުޅުގެ ބޭނުންފުޅަކީ މައްކާ އާއި މަދީނާގެ މެދުގައި ކުރާ 450 ކިލޯ މީޓަރުގެ ދިގު ދަތުރުތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ މިންވަރު ބައްލަވައިލެއްވެވުމެވެ.
ހަރަމައިނި ހައި ސްޕީޑް ރޭލް ދަތުރުތައް ފެށުމުގެ އެންމެ ފަހު ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ ކަންކަން ކަށަވަރުކުރުމަށްފަހު ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ދަތުރުތައް ފެށޭނެ ކަމަށެވެ.
މި ދަތުރުތައް ފެށުމުން މައްކާ އާއި މަދީނާގެ މެދުގައި މިހާރުކުރަންޖެހޭ ދިގު ދަތުރުތަކަށް ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން މަދުކުރެވި ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބެން ފަށާނެއެއެވެ. އަދި މަގުތަކަށް މިހާރު ކުރިމަތިވެފައިވާ ތޮއްޖެހުމުގެ ބޮޑު މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެވެ.