ދިވެހި ސިވިލް ސަރވިސްގެ ކުރިއެރުމަށް ޗައިނާއިން ލިބޭ އެހީތެރިކަން ވަރަށް ބޮޑު ކަމަށާއި މުވައްޒިފުން ތަމްރީނު ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ ޗައިނާއިން ކަމަށް ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ އެސޯސިއޭޓް ޕްރޮފެސަރ ސޯންގ ޒިއޯންގވޭ، ދިވެހި ޤައުމީ ޔުނިވަރސިޓީގައި ދެއްވި ތަޤްރީރް ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޑރ. ޢަލީ ޝަމީމް ވިދާޅުވީ ޗައިނާގެ ސިވިލް ސަރވިސް އަކީ ދުނިޔެއަށް ނަމޫނާ މުއައްސަސާއެއް ކަމަށާއި އެފަދަ މުއައްސަސާގެ އެހީތެރިކަން ދިވެހި ސިވިލް ސަރވިސްއަށް ލިބުމަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށެވެ.
ފާއިތުވި ތިން އަހަރަށް ބަލައިފި ނަމަ ކޮންމެ އަހަރަކުވެސް ސިވިލް ސަރވިސްގެ 30 މުވައްޒިފަކަށް ތަމްރީނު ލިބުމުގެ ފުރުޞަތު ޗައިނާއިން ލިބެމުން އަންނަ ކަމަށްވެސް ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.
ޑރ. ޢަލީ ޝަމީމް ވިދާޅުވީ އދގެ މެންބަރަކަށް ރާއްޖެއަށް ވެވުނީވެސް ޗައިނާގެ ފުރިހަމަ ތާއީދާއިއެކުގައި ކަމަށާއި ފެށުނީންސުރެ ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނަ ކަމަށެވެ.
ޑރ. ޢަލީ ޝަމީމް ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖޭގައި ހުޅުވި ފުރަތަމަ ބޭރުގެ އެމްބަސީ ހުޅުވީ ވެސް ޗައިނާ އިން ކަމަށެވެ. ރާއްޖޭގައި ހުރި ފުރަތަމަ ސަފީރަކީ އިނގިރޭސި ސަފީރު ޑޭވީ. ނަމަވެސް އޭނާ ރާއްޖޭގައި ހުރީ އިނގިރޭސީންގެ ހިމާޔަތުގަ ރާއްޖެ އޮތް ދުވަސްވަރު."
2014 ވަނަ އަހަރު ޗައިނާގެ ރައީސް ޒީ ޖިންޕިންގ ރާއްޖެއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އާދައާއި ޚިލާފަށް ބަދަހިވަމުން އަންނަ ކަމާއި ތާރީޚީ އެ ދަތުރުފުޅަށްފަހު ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ ޗައިނާއިން ކަންވެސް ޑރ. ޢަލީ ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.