ކޮވިޑުން ސަލާމަތްވެ ދަތުރުތައް ފެށުމުން ޝުކުރުވެރިވުމުގެ ގޮތުންވެސް މަޙްރަމަކާ ނުލައި އަންހެނުން ދަތުރުނުކުރަމާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ކޮވިޑުން ސަލާމަތްވެ ދަތުރުތައް ފެށުމުން ޝުކުރުވެރިވުމުގެ ގޮތުންވެސް މަޙްރަމަކާ ނުލައި އަންހެނުން ދަތުރުނުކުރަމާ ހެއްޔެވެ؟

ކޮރޯނާގެ ނަމުން ނަންދީގެން މިއުޅޭ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވައިރަސް އައިސް ފެތުރި ކޮވިޑްބަލިން މިހާރު ބައެއް ޤައުމުތައް ވަނީ ސަލާމަތްވެފައެވެ. އަނެއްބައި ޤައުމުތައް ވަނީ ބަލީގެ ނުރައްކަލުން ސަލާމަތްވުމުގެ މަގުމަތީގައެވެ. އެނގޭ ކަމަކީ ހަމަލޮލަށް ނުވެސް ފެންނަ އެކުޑަކުޑަ ވައިރަސް އައިސް ދުނިޔެ ހުއްޓުވައިލިއިރު ދަތުރުފަތުރުކުރުންވެސް ހުއްޓިގެންދިއަކަމެވެ. އަދި މިހާރުވެސް އޮތީ ވަރަށް ބޮޑު ހުއްޓުމެއްގެތެރޭގައިކަމެވެ. 

މިފަދަ ކޮންމެކަމަކުންވެސް މުސްލިމުންނަށް އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ. ފިލާވަޅުތައް ލިބިގަތުމެވެ. ވީމާ ކޮރޯނާ ކުރިމަތިކުރެއްވެވި ﷲ ތަޢާލާ، ކޮރޯނާއިން މީސްތަކުން ސަލާމަތްކުރައްވަވައި ދަތުރުފަތުރުކުރެވޭނެ މަގުފަހިވެގެންދާއިރު އެކަމަށް ޝުކުރުވެރިވުމުގެ ގޮތުންވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވަމާހެއްޔެވެ؟ އެގޮތުން ކުރަން އޮތް އެއްކަމަކީ ޙަދީޘްފުޅުގައިވާފަދައިން މަޙްރަމަކާއި ނުލައި އަންހެނުން ދަތުރުފަތުރުނުކުރުން ކަމުގައި ހަދަމާހެއްޔެވެ؟ 

ހަމަކަށަވަރުން ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. ޝުކުރުވެރިވާ އަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ އެކަން ޤުރްއާނުން އެނގެން އެބައޮތެވެ. 

ޢިލްމުޥެރިއަކު ވިދާޅުވެފައިވެއެވެ. "ދުނިޔޭގެ ހުރިހާ އަންހެނުން ފަތުރުވެރިންގެ ގޮތުގައި އެކަނި ދަތުރުކުރި ނަމަވެސް އެއީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި އަންހެނަކަށް ހުއްދަ ކަމެއް ނޫނެވެ. އެހެނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި ވަނީ ﷲ ތަޢާލާ އާއި ޢާޚިރަތް ދުވަހަށް އީމާންވެގެން ހުރި އަންހެނަކު މަޙްރަމަކާއި ނުލައި އެއްވެސް ދަތުރެއް ނުކުރާނެ ކަމަށެވެ." 

މިބާވަތުގެ ކުށްތައް މިކުރެވެނީ އީމާންކަން ކޮރަޕްޓްވުމުންނެވެ. އެކަން އެނގެނީ މަޙްރަމަކާއި ނުލައި ދަތުރުތައްކުރާ އަންހެނުން ޢުމްރާވެ. ނަމާދުތައް ކޮށް އަދި ދަމު ނަމާދުވެސް ކޮށް އުޅޭތީ އެވެ. އެކަންކަމުން އެމީހާގެ އީމާންކަން ފުރިހަމަ ނުވާކަން އެދަނީ އެނގިގެންނެވެ. ޢުމުރާ ފަދަ މަތިވެރި އަޅުކަމެއްގައި ނަމަވެސް، ބޭސްފަރުވާއަށް ދިއަ ނަމަވެސް އަދި ކިޔަވަން ދިއަ ނަމަވެސް މަޙްރަމަކާއި ނުލައި ނުކުރެވޭނެ ދިގުމިނުގެ ދަތުރުތައް އަންހެނަކު އެކަނި ކުރުން ހުއްދައެއް ނުވާނެއެވެ. އަދި މަޙްރަމަކު ގޮވައިގެން ކުރަންޖެހޭ ދަތުރެއް އަންހެނަކު އެކަނި ކުރެވިއްޖަނަމަ އެއީ ތައުބާވާން ޖެހޭނެ ފާފައެއް ވެސްމެއެވެ. 

ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ ބާރަށް ކުރިއަރަނީ އަންހެނުން އެކަނި ކުރާ ދަތުރުތައް ކަމަށްވެ ކިތަންމެ ގިނަ އަންހެނުން އެކަނި ދަތުރުކުރިނަމަވެސް އިސްލާމް ދީނުގައި އެކަމަށް އޮތް ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ދުނިޔެ ނިމެންދެންވެސް އެ ޙުކުމް ޙުކުމުގ ގޮތުގައި ދެމިއޮންނާނެއެވެ. ވީމާ ﷲ ތަޢާލާ އަށާއި އާޚިރަތް ދުވަހަށް އީމާންވެގެން ހުރި މީހަކު ނަމަ، ދުނިޔޭގެ ހުރިހާ އަންހެނުން އެކަނި ދަތުރުތައް ކުރި ނަމަވެސް އެމީހަކު ނުކުރާނެއެވެ. 

ބައެއް ޢިލްމުވެރިން ވަރަށް ޚާއްޞަ ޙާލަތްތަކާއި ގުޅުވައިގެން، އެނޫން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ އަންހެނުން އެކަނި ދަތުރުކުރުން ހުއްދަ ކުރައްވައެވެ. އެއީ ބޭސްފަރުވާއަކަށް ދަތުރުކުރަންޖެހި، އކުގައި ގޮވައިގެންދާނެ އެއްވެސް މަޙްރަމަކު ނެތުން ފަދަ ޙާލަތްތަކުގައެވެ. އެގޮތަށްވެސް ހުއްދަކުރައްވަނީ ޚާއްޞަ ޝަރުޠުތަކަކާއިވެސް އެކުގައެވެ. 

ފަތުރުވެރިކަން ފަދަ ދުނިޔަވީ އުފާ ޙާޞިލުކުރަން ކުރާ ދަތުރެއް މަޙްރަމަކާއި ނުލައި އަންހެނަކު ކުރަން، ދުނިޔެ ބަލައިގެންފައިވާ އެއްވެސް ދީނީ ޢިލްމުވެރިއަކު ހުއްދަ ދެއްވިކަން އެނގިފައެއް ނުވެއެވެ. 

ސައުދިއަރަބިޔާގައި އިސްލާމް ދީނުގެ ކަންކަމަށް ގެންނަމުންދާ "ޒަމާނީ" ބަދަލުތަކާއިއެކު އަންހެނުން މަހްރަމަކާއި ނުލައި ދަތުރުކުރުމަށް ކުރިން އަމަލު ކުރަމުން އައި ބައެއް އުޞޫލުތަކަށް ބަދަލު ގެނައުމުން ޒަމާނީ ބަދަލުތަކަށް ފައުޅުގައި ދެކޮޅު ހެއްދެވި އެތައް ހާސް ޢިލްމުވެރިންނާއިމެދު މިހާރު ވަނީ ތަފާތު ފިޔަވަޅުތައް އަޅައިފައެވެ. ކިތަންމެ ގިނަ ފިޔަވަޅުތަކެއް އަޅައި ކިތަންމެ ގިނަ ޢިލްމުވެރިންނަށް އަދަބު ދިން ނަމަވެސް އިސްލާމް ދީނުގެ އެއްވެސް ޙުކުމަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން