ދިވެހިރާއްޖެގެ އިގްތިސާދީ ވިލުންވެރިކަން ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްކަށް އަހައްމިއްޔަތުކަން ދޭން ޖެހޭކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕެންޝަން އޮފީހުން ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، މިއަދު ދުސިތް ޑީ2 ފޭދޫ މޯލްޑިވްސްގައި ކުރިއަށްގެންދާ 13 ވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވުމުގެ ގޮތުން ދެއްވި ތަޤްރީރުގައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް %80 އަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރަށްވުރެ ތިރި ރަށްތަކެކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އިޤްތިސާދުގެ މުހިންމު ސިނާއަތްތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކުދި ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން، އާމްދަނީ ދަށްވުމާއިއެކު ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމުގެ އިތުރުން މާލީ ހިރާސްތައް އިތުރުވެގެންދާނެއެވެ.
އެހެންކަމުން، ޕެންޝަން ފަންޑުގެ ދިގުމުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔަރމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އިޤްތިސާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރގެ ހައިސިއްޔަތުން، މިއަހަރު ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާ ފަހަނައަޅައިފިކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ. ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިޢުކޮށްފައިވާ، 2026 ސެޕްޓެމްބަރު 30 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަންޑުގެ ދަށުން މެނޭޖްކުރާ ޖުމްލަ އެސެޓްސްގެ އަގަކީ 30.3 ބިލިއަން ރުފިޔާއެވެ. އަދި ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204,549 މީހުން ބައިވެރިވެފައިވެއެވެ.
"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވިއެވެ.
ޔަޒްމީދު ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުމާއެކު ދުރުރާސްތާގެ ވިލުންވެރިކަން ކަށަވަރުކުރުމަށެވެ. އަދި އީ.އެސް.ޖީ (ތިމާވެށި، އިޖުތިމާއީ، އަދި ހިންގުން) މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި، ކްލައިމެޓް ފައިނޭންސިންގއަށް މަގުފަހިވާނެ އައު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަންވާނީ ޕެންޝަން އޮފީހުގެ ފިޑިއުޝަރީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ.
"ގްރީން އިންވެސްޓްމަންޓްގެ މާނައަކީ މާލީ އިންޒިބާތު ދޫކޮށްލުމެއް ނޫން،" ޔަޒްމީދު ވިދާޅުވިއެވެ. "ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށް" ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ދެމެހެއްޓެނިވި މާލީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގައުމީ ފައިނޭންސިންގ ސްޓްރެޓެޖީތަކާއި، މޫސުމީ ނުރައްކާތައް ވަޒަންކުރުމާއި، ތިމާވެއްޓާ ގުޅޭ ރިޕޯޓިންގ އުސޫލުތަކާއި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިވެފައިވާ މާހައުލެއް ގާއިމްކުރުމަށް ކުރާ މަސައްކަތައް ހިމެނެއެވެ.
މި ކުރިއެރުންތަކުގެ ސަބަބުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކާއި، ބްލޫ އިކޮނޮމީގެ ދާއިރާއިން އިންވެސްޓްމަންޓްތައް ހޯދުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
"ޤައުމީ އިޤްތިޞާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ އަހަރެމެންނަށް ދެވަނަ ފުރުސަތެއް އޮތް ކަމެއްނޫން. އެއީ މެމްބަރުންގެ މާލީ މުސްތަޤްބަލު ރައްކާތެރިކުރުމަށް ކޮންމެހެން ހާސިލުކުރަންޖެހޭ ޝަރުތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ހަމައެކަނި ސިޔާސަތުތަކުން ނުފުދޭނެ ކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހިފުމަށްޓަކައި އިންވެސްޓް ކުރެވޭ ފަދަ މަޝްރޫއުތަކާއި، އެކަށީގެންވާ މާލީ އޮނިގަނޑުތަކާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި އިންވެސްޓަރުންގެ އިތުބާރު ބޭނުންވާނެ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.
ސަރުކާރާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުން އަދި ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.
13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މަގްސަދަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި، އަމަލީ ހައްލުތަކުގެ އިތުރުން ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މިއަހަރުގެ ފޯރަމްގެ މައުޟޫއަކީ ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަމެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމަކީ ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ތަރައްގީގެ ބައިވެރިން އެއް ފުރާޅެއްގެ ދަށުގައި މަޝްވަރާކޮށް އަމަލީ ގޮތުން ކުރެވޭނެ ކަންކަން ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ.
ހަބަރު: ޕެންޝަން އޮފީސް