އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާވެސް އެއް މަހަށް އިތުރުކޮށްފިއެވެ.
ހެލްތް މިނިސްޓަރީން ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މިހާރު ކޮވިޑް19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށާއިި މާޗު މަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އޮތް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރާސް ލަފާދެއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމަވާފައެވެ.
ހެލްތް މިނިސްޓަރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރު މުހައްމަދު އަސްލަމް ސޮއިކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރި މިއީ ހަވަނަ ފަހަރެވެ.
އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.