ރާއްޖޭގައި ކޮވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމަށް އޮބިނޯންނަ ޙާލަތަށް ކަންތައް ހިނގައިދާނެކަމަށާއި ފަރުވާކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުރިނަމަވެސް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލިމީހުން އިތުރުވެއްޖެނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާޙު ކުރުމުގެ ޙަފްލާގައި ދެއްވި ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެންނަ ކަމަށާއި ދިވެހި ނޫސްވެރިންނަށްވެސް އެ މަންޒަރު ވަރަށް ގާތުން އެބަ ފެންނަ ކަމަށެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
ކޯވިޑް ފެތުރުމާއި ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ޤައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަޞައްވަރު ކުރެވޭތީ.
އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، އެ ޙާލަތަށް ނުދަނީސް، މި ބަލި ކޮންޓްރޯލް ކުރެވޭތޯ. އެޗް.ޕީ.އޭ އިން ކެނޑިނޭޅި އެ ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކޮށްފިއްޔާ، މިއީ ކޮންޓްރޯލް ނުކުރެވޭވަރުގެ ބައްޔެއް ނޫން. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ނޫސްވެރިންގެ މި ކެމްޕެއިނާއެކު މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ.
ރާއްޖޭގެ ނޫސްވެރިންނަކީ، ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއް. އިޤްތިޞާދީ ގޮތުންވިޔަސް، ނުވަތަ ސިޔާސީ ގޮތުންވިޔަސް، ޤައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް ޢާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ކޯވިޑާ ގުޅޭގޮތުން ރާއްޖޭގެ ޙަޤީޤީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ. ރާއްޖޭގެ ޙާލަތު ރަނގަޅަށް ބުނެއެއްނުދެވޭ. ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަޤީން.
މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ޞިއްޙީ ޚިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން.
މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް. ވަކިން ޚާއްޞަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓްހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތިޔަބޭފުޅުންގެ ކެމްޕެއިންގެ ތެރެއިން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް. ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް ޢަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ.
މިއަދުވެސް، ތިޔަބޭފުޅުންގެ ފަރާތުން އަދި ހުރިހާ ދިވެހި ނޫސްވެރިންގެ ފަރާތުން، އަޅުގަނޑު އެދޭ އެދުމަކީ، ކަންކަމުގެ ޙަޤީޤަތް ނޯޅޭގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން. ޒިންމާދާރުކަމާއެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ވަޑައިގެން، މިކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
މީޑިއާތަކުން މިއަދު މި ފެށި ކެމްޕެއިނަކީ މާތް ﷲގެ ވާގިފުޅާއެކު ވަރަށް ކާމިޔާބު މަސައްކަތަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފަދަ ކެމްޕެއިނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ.
އަޅުގަނޑު ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، މީޑިއާ އިދާރާތަކަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި ޤައުމީ މަސައްކަތުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން. ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އެހެން އިދާރާތަކުންވެސް، ފުރިހަމަ އެއްބާރުލުން އިރާދަކުރެއްވިއްޔާ ލިބެމުންދާނެ.
ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި މުހިންމު މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކޯވިޑްގެ ނުރައްކާތަކުން އެންމެހައި ދިވެހިންނާއި، މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވުން އެދި، އެކަލާނގެ ޙަޟްރަތަށް ދުޢާކުރަން. ދިވެހި ނޫސްވެރިކަމަށް އަބަދުވެސް ކާމިޔާބާއި ފާގަތިކަމަށް އެދެން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.