ރާއްޖެއަކީ ކޮވިޑުގެ ނުރައްކާ ކުޑަ ޤައުމަކަށް ހެދެން އޮތީ، އެންމެން އެކުގަ މަސައްކަތްކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ރާއްޖެއަކީ ކޮވިޑުގެ ނުރައްކާ ކުޑަ ޤައުމަކަށް ހެދެން އޮތީ، އެންމެން އެކުގަ މަސައްކަތްކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން: ރައީސް ޞާލިޙް

ރާއްޖެއަކީ ކޮވިޑް-19 ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާޙު ކުރުމުގެ ޙަފްލާގައި ދެއްވި ވީޑިއޯ މެސެޖުގައެވެ. 

ރައީސް ޞާލިޙްގެ ވާހަކަފުޅުން:  

ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން. ވަކިން ޚާއްޞަކޮށް، ޒަރޫރީ ކަމެއްގައި ނޫނީ، ޢާންމުންގެ ތެރެއަށް ނުނިކުތުމާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުން. ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން.  

"ކޯވިޑް-19" ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން އިފްތިތާޙު ކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. 

އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް. މިފަދަ މުހިންމު ޤައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، މި ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީގެ ބޭފުޅުންނަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. 

މި ކެމްޕެއިންގެ މަޤްޞަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި ކެމްޕެއިންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، މިނިވަން މުއައްސަސާތައްވެސް، ބައިވެރިވެ މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. 

މިހާރުވެސް މިބަލީގައި ރާއްޖެއިން 29 މީހަކު އަޅުގަނޑުމެންނާ ވަކިވެއްޖެ. އޭގެތެރެއިންވެސް ގިނައީ، ޢުމުރުން ދުވަސްވީ އިސް ރަށްވެހިން. މިއީ އެ ބޭފުޅުންގެ ޢާއިލާތަކަށްވެސް، އަދި މުޅި ޤައުމަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް، ވަރަށް ބޮޑު ހިތާމައެއް. 

އެ ހުރިހާ އެންމެންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި މިހާރު މި ބަލީގައި ފަރުވާ ހޯދަމުން އަންނަ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން. މިބަލީގައި އިތުރު އެންމެ ފުރާނައެއްވެސް ގެއްލިގެންދާކަށް އަޅުގަނޑުމެން އެކަކުވެސް ނޭދޭނެ.

މިއަދު އޮންލައިން