ކޮވިޑް 19 އަށް ޕޮޒިޓިވްވި ގދ.ތިނަދޫ މީހާ ގ.އ ވިލިނގިއްޔަށް ނޭރުވުމުން މާލެ ގެނެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފިއެވެ.
ތިނަދޫ މީހާ ފުރަތަމަ ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށެވެ. އެހެންނަމަވެސް މިމީހާ ވިލިނގިއްޔަށް އަރުވަން އެރަށުބަޔަކު ދެކޮޅު ހަދައި މުޒާހަރާ ކުރާތީ އޭނާ ރަށަށް އެރުވޭގޮތް ވަނީ ނުވެގެން ސީ އެންބިއުލާންސް ވަނީ އެރަށު ނެރުމަތީގައި ދެ ގަޑިއިރު ވަންދެން މަޑުކޮށްފައެވެ.
މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިހާރު އޭނާ މާލެ ގެނެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށެވެ.
ތިނަދޫ މީހާ ގވިލިނގިއްޔަށް އެރުވުމަށް ދެކޮޅު ހަދައި އިހުތިޖާޖު ކުރުމުން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ވަނީ އެކަން ކުއްވެރިކޮށްފައެވެ.