ރިޕޯޓެއްގެ ނަމުގައި ޝައިޠޯނީ ވަސްވާސްތަކެއް ނެރެ ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނާއިމެދު ޝައްކާއި ވަސްވާސްތައް އުފައްދުވަން މަސައްކަތްކުރި އެމްޑީއެންގެ ބޮޑުންނާއިމެދު ފިޔަވަޅު އެޅުން ލަސްވާތީ ކަންބޮޑުވުން ފައުޅުކޮށް ސަލަފުން ބަޔާނެއް ނެރެފިއެވެ.
ސަލަފުން މިފަދަ ބަޔާނެއް ނެރުނުއިރު ސަރުކާރުން ވަނީ އެޖަމިއްޔާ އުވާލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ޝައިޠޯނާގެ ބައިވެރިން އެއިގެފަހުން ވެސް ގެންދަނީ ފައުޅުގައި ހަރަކާތްތެރިވަމުންނެވެ. އެކަން ފުލުހުންނަށްވެސް އެނގެއެވެ. ވީމާ ދިވެހި ދައުލަތަށްވުރެ ޝައިޠޯނާގެ އަޢުވާނުންގެ ބާރު މާގަދަ ކަމަށް ގިނަ ބައަކު މިހާރު ޤަބޫލުކުރެއެވެ.
ކަންމިހެން އޮތްއިރު މައްސަލަ ބޭރުގައި ތިބި 2 މީހެއްގެ ބޮލަށް ކަނޑާލާ އުޞޫލުން ކަންކަން ނިންމާފައިވާއިއރު އެ ނުބައި އަމަލަށް ހިތްވަރުދީ އެއީ ޞައްޙަ ރިޕޯޓެއް ކަމަށް ރައްޔިތުންނަށް ދައްކުވަން ވަކާލާތުކުރި މީހުން ރާއްޖޭގައި ތިބެމެ އެއިން މީހަކާއިމެދު އަޅާ ފިޔަވަޅެއްވެސް އަދިވެސް ނުފެންނާތީ އެއީ ވެސް ގިނަ ބައަކު ކަންބޮޑުވާންޖެހޭ ކަމެކެވެ.
ގިނަ ބައަކު ބުނަނީ ކޮރޯނާ ވައިރަސް އިންވެސް ސަލާމަތްވެ ތިބެވޭނީ މިފަދަ ޝައިޠޯނީ ވައިރަސްތަކުގެ ކިބައިން ދިވެހި ޤައުމު ސަލާމަތްކޮށްގެން ކަމަށެވެ!
ސަލަފުގެ ބަޔާން:
الحمد لله العزيز الجبار والصلاة والسلام على النبي المختار وعلى آله وصحبه وأتباعه الأخيار. أما بعد!
"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ރިފޯޓު ނެރުމުގެ ސަބަބުން، ޤައުމާއި ދީނަށް ވަފާތެރި އެންމެހާ ރައްޔިތުންގެ މިންނެތް މަސައްކަތުން ސަރުކާރަށް ކުރިމަތި ކުރުވި ފިއްތުންތަކާހުރެ،ދެންއެނޫން ގޮތެއް ނެތްޙާލު ރަޖިސްޓްރީ ނަން އުވާލާފައިވާ މޯލްޑިވްސް ޑިމްކޮރެސީ ނެޓްވޯރކް (އެމް.ޑީ.އެން) ކިޔާ މަދަނީ ޖަމްޢިއްޔާގެ އިސްފަރާތްތަކާއި؛ އިސްލާމްދީނާމެދު ނަފްރަތާއި ޢަދާޥާތްތެރިކަމުން ފުރިގެންވި، އެ ރިފޯޓު ލިޔުމުގައި ޝާމިލުވި ފަރާތްތަކުން ހިންގާފައިވާ ބޮޑުވެގެންވާ މިޖަރީމާ ތަޙްޤީޤުކޮށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ، އެކަމާ މެދު، ޖަމްޢިއްޔަތުއްސަލަފުން ކަންބޮޑުވާކަން ތަކުރާރުކޮށް ހާމަކޮށް އެކަން އިޢުލާންކުރަމެވެ.
މީގެ ހަމަސް ދުވަސްކުރިން 19 ޑިސެމްބަރ 2019 ގައި ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމް.ޑީ.އެން އުވާލާފައިވާކަން؛ ކަމާބެހޭ ސަރުކާރުގެ ވުޒާރާއިން އިޢުލާންކުރައްވާފައިވުމާއެކުވެސް، މިހާދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އެބޮޑު ޖަރީމާ ހިންގި ފަރާތްތަކާމެދު ކުރެވޭކަމަށް ހާމަކުރައްވާފައިވާ ތަޙްޤީޤާބެހޭ ގޮތުން، ކަމާބެހޭ އިދާރާއަކުން އިތުރު އެއްވެސް މަޢުލޫމާތެއް ރައްޔިތުންނަށް ހާމަކޮށްފައި ނެތުމަކީ އެކަމާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި، ބިރުވެރިކަން އުފެދުމުގެ އިތުރުން ޢާއްމުރައްޔިތުންގެ މެދުގައި އެތައް ސުވާލުތަކެއް އުފެދިފައިވާ ހާސްކަމެއްކަން ކަށަވަރެވެ. އެހެނީ ދިވެހި ދިދަ ވިހުރުވޭ ދިވެހި ބިމުގައި ބަޔަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއަކީ ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާ ކަމަށްވާ، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށްވާއިރު، މިފަދަ ޚުޠޫރަތްތެރިކަން ބޮޑު ޣަދަރުވެރި،ޖަރީމާއެއް ހިންގި ބަޔަކާމެދު ޤާނޫނީ ފިޔަވަޅު ނޭޅި، ފާއިތުވަމުންދާ ކޮންމެ ފަޅި ސިކުންތަކީވެސް، އެކަމުގެ ސަބަބުން ދިވެހި ކޮންމެ މުޥާޠިނެއްގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެގެން ދާނެކަމެއްކަން ކަށަވަރެވެ.އަދި ސަރުކާރުގެ އެންމެހާ މަސްއޫލުވެރިންނާމެދު އިތުބާރުކެނޑި، މާޔޫސްވެގެންދިއުމަށް އޮތް ކައުންޓްޑައުނެއްކަމުގައިވެސް ވާނެމެއެވެ.
ފަހެ، އެމް.ޑީ.އެން އިން ނެރުނު އެރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގައި ބުހުތާނު އެތައް ދޮގުތަކެއް ހަދާފައިވާކަމާއި، މުޅި ރިޕޯޓުގައިވަނީ އިސްލާމްދީނާމެދު މުޖުތަމަޢުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް، ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢެއްގެ ޟަމީރު ރުޅި އަރުވާލާ، ދީނަށް ޚިދުމަތްކުރާ ފަރާތްތަކުގެ ޚިދުމަތްތަކާމެދު މުޖްތަމަޢުގެ މެދުގައި، ބަލްބަލާ އުފެއްދުމުގެ މަޤުޞަދުގައި ލިޔެފައިވާ ވާހަކަތަކެއްކަމަށް ޢިލްމުވެރިންނާއި ފަންނީ އެކިއެކި ޢިލްމުތަކުގެ ތަޖްރިބާކާރުންވަނީ ބަޔާންކުރައްވާފައެވެ. އަދި އެކަމާބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެކުލަވާލި ރިޕޯރޓުގައިވެސް، އެމް،ޑީ،އެން، އިން ނެރުނު އެރިޕޯރޓުގައި އިސްލާމްދީނާއި އެދީނުގެ މަތިވެރި އުޞޫލުތަކަށް ތައުހީނުކޮށް ފުރައްސާރަކޮށްފައިވާކަން ވަނީ ބަޔާންކޮށްފައެވެ.
ދަންނައެ، ކަންމިހެންއޮތްހިނދު، މިހާ ސާފުކޮށް ފެންނަން އޮތް ކަމަކަށް ފިޔަވަޅު އެޅުން ލަސްވަމުންދާ ޙާލަތެއްގައި؛ އަނެއްކޮޅުން އެމް.ޑީ.އެން އުވާލިކަމަށް އިޢުލާނުކުރެއްވިފަހުންވެސް އެޖަމްޢިއްޔާގެ ނަމުގައި އެކިއެކި ރަސްމީ ބަޔާންތައް ނެރެ، ސޯޝަލްމީޑިއާއިންނާއި، އެހެނިހެން ގޮތްގޮތުންވެސް ދިވެހިރައްޔިތުންނަށާ،ދިވެހިދަޥުލަތަށް ގޮންޖަހައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ޖެއްސުން ކުރަމުންދާތަންފެނި އެޖަމާޢަތް ބަރާބަރަށް ޙަރަކާތްތެރިވަމުންދާކަންވެސް މިވަނީ ދިވެހިރައްޔިތުންނަށް ލޯމައްޗަށްފާޅުވެ ކަމުގެ ޙަޤީޤަތާއި ބާވަތް ރަނގަޅަށް ކަޝްފުވެގެން ގޮސްފައެވެ.
ވީމާ، އިސްލާމްދީނާއި، ދިވެހި ޤައުމަށް ވަފާތެރިވުމަށް މާތް ﷲ ގެ މަތިވެރި އިސްމުފުޅު ގަންދީ ކުރައްވާފައިވާ ހުވައަށް ވަފާތެރިވެ، އެޖަރީމާ ހިންގި ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އަޅުއްވައިދެއްވައި، ދިވެހިރައްޔިތުންނަށް ޢަދުލު އިންޞާފު ހޯއްދަވައިދެއްވުމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ދާޚިލީ ވަޒީރަށާއި، ކަމާގުޅުން ހުރި އެންމެހާ މުއައްސަސާ ތަކާއި އިދާރާތަކަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށް ގޮވާލަމެވެ.
އަދި އެމް.ޑީ.އެނގެ އިސްފަރާތްތަކާމެދު އަވަސް ފިޔަވަޅެއް ނޭޅޭހައި ހިނދަކު، ﷲ ގެ ވާގިފުޅާއެކު، މި ގޮވާލުން ހުއްޓާނުލައި ކުރިޔަށް ދާނެކަމާއި، މިކަމަށްޓަކައި، އެމް.ޑީ.އެން އުވާލަން ހިންގިފަދަ އެއްބައިވަންތަ
ޤައުމީ އިތުރު ޙަރަކާތްތަކެއް، ހިންގަން ޖެހިއްޖެ ޙާލަތަކަށް، ހުޝިޔާރުވެ ތައްޔާރަށް ތިބުމަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
(..........) إبراهيم: ٤٢ "އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافلވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ ކަންތައްބޮޑުވެ ލޯތަކުގެ ކަޅިވިދިގެންދާ ދުވަހަކަށެވެ."
22 شوال 1441
13 ޖޫން 2020
ގުޅުންހުރި މުހިންމު ލިޔުމެއް: