ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ޒަމާނީ ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ނަވީޒް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު އެވެ.
ޖުމްލަ 2.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ލައިޓިން ސިސްޓަމް ހަރުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރިޓް ކުރުމުގެ އެކި މަސައްކަތްތަކުގެ އިތުރުން ވެލްޑިންގ އަދި މައި ކަރަންޓު ވަޔަރިންގ ގުޅާލުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ގާތްގަނޑަކަށް 3,000 މީހުންގެ އާބާދީއެއް އޮންނަ ނ. މަނަދޫއަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވެފައި، އަތޮޅުގެ އެކި ރަށްރަށުން ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ މައި ހަބެވެ. މީގެއިތުރުން، އަތޮޅު ފެންވަރުގެ ގިނަ ކުޅިވަރު މުބާރާތްތަކެއްވެސް ގަވާއިދުން ބާއްވަމުން އަންނަ މައި މަރުކަޒަކީ މަނަދޫއެވެ.
މި މަޝްރޫޢާއެކު މަނަދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރެވިގެން ދިއުމުން، އިރުއޮއްސުމަށްފަހު ރޭގަނޑުގެ ވަގުތުތަކުގައިވެސް ފުޓްބޯޅަ ކުޅުމާއި، މުބާރާތްތައް އިންތިޒާމުކުރުމުގެ ފުރިހަމަ ފުރުޞަތު މަނަދޫގެ އިތުރުން މުޅި އަތޮޅުގެ ކުޅިވަރު ކުޅުންތެރިންނަށް ފަހިވެގެންދާނެއެވެ.