ޤާނޫނާ ޚިލާފަށް ދޫކޮށްލި ޢަބްދުﷲ އިބްރާހިމް އަލުން ބަންދަށް: ޕެރޯލް ބޯޑުގެ މެންބަރުން ވެސް ވަކިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޤާނޫނާ ޚިލާފަށް ދޫކޮށްލި ޢަބްދުﷲ އިބްރާހިމް އަލުން ބަންދަށް: ޕެރޯލް ބޯޑުގެ މެންބަރުން ވެސް ވަކިކޮށްފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ޤާނޫނާ ޚިލާފަށް ޕެރޯލްގެ ދަށުން މިނިވަންކުރި އައްޑޫ ސިޓީއަށް ނިސްބަތްވާ ޢަބްދުﷲ އިބްރާހިމް (އަބުޅޯ) އަލުން ހައްޔަރުކޮށް، އެ ނިންމުން ނިންމި ޕެރޯލް ބޯޑުގެ މެންބަރުން މަގާމުން ވަކިކޮށްފިއެވެ.

މިދިޔަ އަހަރުގެ މެއި މާހުގެ 19 ވަނަ ދުވަހު އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން، 12 އަހަރާއި 6 މަސް ދުވަހުގެ 3 ހުކުމެއްގެ ގޮތުގައެވެ. ނަމަވެސް، ހުކުމުގެ ބޮޑުބައި ތަންފީޒުނުވަނީސް މިދިޔަ މަހުގެ 29 ގައި އޭނާ ޕެރޯލްގެ ދަށުން މިނިވަންކުރުމުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ މުޖުތަމައު ތެރޭގައި އުފެދިފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ޢަބްދުﷲ އިބްރާހިމް ދޫކޮށްލާފައިވަނީ ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަމާއި ސަރުކާރުގެ ސިޔާސަތުތަކަށް ނުބަލައި، ހުކުމާ މެދު އެރި އޮޅުމެއްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން ގަބޫލެއް ނުކުރެވޭ އިންޓެންޝަނަލީ (ގަސްތުގައި) އެއިން އެއްވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތްކަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގައި ބަލަންޖެހޭ ބައެއްކަންކަން ބަލަންޖެހޭވަރަށް ނުބެލިއޭ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި މައްސަލައިގައި އިހުމާލުވި ކަން ފާހަގަކުރެވުމުން، ޤާނޫނީ ލަފާ ހޯއްދެވުމަށްފަހު ޢަބްދުﷲ އިބްރާހިމް އަންގާރަ ދުވަހު އަލުން ވަނީ ބަންދަށް ގެންގޮސްފައެވެ. އަދި ޤާނޫނާ ޚިލާފަށް އޭނާ ދޫކޮށްލަން ނިންމި ޕެރޯލް ބޯޑުގެ 6 މެންބަރުން ވަނީ މަގާމުން ވަކިކޮށްފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި އަލުން ބޯޑަށް މެންބަރުން އައްޔަންކޮށް، ބޯޑުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން