ހެޔޮވެރިކަމެއްގެ ޙަޤީޤީ މިނުމަކީ ހަމައެކަނި ވަރުގަދަ މުއައްސަސާތަކެއް ޤާއިމުވެފައި ހުރުން ނޫން ކަމަށާއި، އެ މުއައްސަސާތަކުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ލިބިގެންދާ އުފާވެރިކަމާއި އަންނަ ހެޔޮ ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރޫޝާގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ތަޤްރީރު ކުރައްވަމުންނެވެ. "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ، ވެރިކަން ހިންގުމުގެ ނިޒާމުތައް ބައްޓަންކުރަންވާނީ ރައްޔިތުންގެ އިތުބާރާއި، ޖަވާބުދާރީވުމާއި، އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރުކުރެވޭ ގޮތަށް ކަމަށެވެ.
ޤާނޫނު ހަދާ މަޖިލިސްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ޤާނޫނުތައް ފާސްކުރުން އެކަނި ނޫން ކަމަށެވެ. އެގޮތުން ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ގާތުން ބަލައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމާއި، ދައުލަތުގެ މާލިއްޔަތާއި ވަސީލަތްތައް ނަޒާހަތްތެރިކަމާއެކު ޒިންމާދާރު ގޮތެއްގައި ބޭނުންކުރެވޭކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގުވަޒަންކުރަންވާނީ އެއިން ރައްޔިތުންނަށް ލިބޭ ޙަޤީޤީ ނަތީޖާއަށް ބަލައިގެން ކަމުގައިވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، "އީފާސް" ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަންވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ޓެކްނޮލޮޖީގެ ސަބަބުން ޖިއޮގްރަފީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަނެވި، ސަރުކާރުގެ ޚިދުމަތްތައް ސީދާ ރައްޔިތުންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސަރުކާރާއި މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ފުޅާކުރުމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ މިނިވަން ދައުރެއް އޮވެގެންކަންވެސް ބަޔާންކުރެއްވިއެވެ.
ތަޤްރީރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް މެދުއިރުމައްޗާއި ފަލަސްތީނުގެ އިތުރުން އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް އިޝާރާތްކުރައްވައި، މަޝްވަރާގެ މަގުން ސުލްޙަވެރި ޙައްލުތައް ހޯދުމާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ކަރާމާތް ނެގެހެއްޓުމަކީ މުޅި ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ބޮޑު ޒިންމާއެއްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ހެޔޮވެރިކަން ކުރިއެރުވުމަށާއި ޑިމޮކްރަސީ ހަރުދަނާކޮށް މުޖުތަމަޢުތައް ބާރުވެރިކުރުވުމަށްޓަކައި، އައިޕީޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.