ރާއްޖޭގައި އެންމެގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮންނަ ނަސްރުﷲ އަޙްމަދުގެ 57 ވަނަ މެރަތަން އަށްވެސް ސްޕްރިންގ ކޫލްގެ ބްލޫ ސްޓާރ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނަސްރުގެ މިއަހަރުގެ ދެވަނަ އަދި އޭނާގެ 57 ވަނަ ފުލް މެރަތަން އޮންނާނީ ނިއުު ދިއްލީގައި މި މަހު 23 ގައެވެ.
އައިޑީބީއައި ނިއު ދިއްލީ އިންޓަރނޭޝަނަލް މެރަތަންގައި ދުވުމަށް ނަސްރު މާލެއިން ފުރުމަށް ނިންމާފައިވަނީ މި މަހުގެ 20 ވާ ބްރާސްފަތި ދުވަހުއެވެ.

ނަސްރުގެ މި އިވެންޓުުވެސް ސްޕޮންސަރކޮށްފައިވަނީ އޭނާގެ މިއަހަރުގެ ފުރަތަމަ މެރަތަން އަދި 56 ވަނަ މެރަތަންވެސް ސްޕޮންސަރކޮށްފައިވާ ފަރާތްކަމަށްވާ ސްޕްރިންގ ކޫލްގެ ބްލޫ ސްޓާރ އިންނެވެ.
އަނިޔާއެއް ނުވެ، ކޮންމެ މެރަތަންެއެއްވެސް 4 ގަޑިއިރަށްވުރެ އަވަހަށް ނިންމަން އަޒުމުކަނޑައަޅައިގެން ދުވަމުން އަންނަ ނަސްރު މިހާތަނަށް ދުވެފައިވާ ގިނަ މެރަތަން ނިންމާފައިވަނީވެސް 4 ގަޑިއިރަށްވުރެ އަވަހަށެވެ.
މީގެ އިތުރުން 4 ގަޑިއިރަށްވުރެ އަވަހަށް އެންމެގިނަ މެރަތަން ނިންމާ ދުވުންތެރިއަކަށް މިސަރަހައްދުގެ ނުވަތަ ދުނިޔޭގެ ރެކޯޑެއް ހެދުމަކީވެސް ނަސްރު ދެކެމުން އަންނަ ހުވަފެނެކެވެ.
ނަސްރު މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާ އިރު، އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރުމާއި ނިއުދިއްލީ މެރަތަންގައި މިދިޔަ އަހަރު ދުވެ އެއްވަނަ ހޯދުން ފާހަގަކޮށްލެވެއެވެ. އަދި އައްޑޫސިޓިގައި ޓީއެފްޖީ އިން ބޭއްވި މެރަތަންގެ އެއްވަނަވެސް ނަސްރިު ވަނީ ހޯދާފައެވެ.
މީގެ އިތުރުން މޯލްޑިވްސް މެރަތަންގެ ދެވަނައާއި ޓީއެފްޖީން ހުޅުމާލޭގައި ބޭއްވި މެރަތަންގެ 3 ވަނަ އާއި ބެންގަލޫރު މެރަތަންގައި އުމުރުފުރާ ކެޓަގަރީން ގަދަ 10 ދުވުންތެރިންގެ ތެރޭގައިވެސް ނަސްރު ވަނީ ހިމެނިފައެވެ.