އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ އިންޓަނޭޝަނަލް ސްޓޭންޑާޑްގެ ސްވިމިންގް ޕޫލް ހުޅުވިގެންދާއިރު، ރާއްޖެއަށް އާ ކުޅިވަރެއްގެ ގޮތުގައި ޑައިވިން ތައާރަފުވެގެންދާނެ ކަމަށް މޯލްޑިވްސް އެކުއެޓިކްސްގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން ސައްތާރު ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ 50 މީޓަރުގެ 10 ލޭން ހިމެނޭ މި ޕޫލުގެ މަސައްކަތް ނިމިގެންދާއިރު، 10 މީޓަރުގެ ޑައިވިން ޕޫލެއްވެސް އެޅިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި އުފެދެމުން އަންނަ ހުނަރުވެރި އެތުލީޓުންގެ ފެންވަރު އިތުރަށް މަތިކޮށް، އެތުލީޓުންގެ ހުނަރު ތަރައްގީކުރުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޕޫލުގެ މަސައްކަތުގެ ބޮޑުބައި އަންނަ ޑިސެމްބަރު މަހަށް ނިންމާލުމަށް މޯލްޑިވްސް އެކުއޭޓިކްސްއިން އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް ނިމޭނީ ރޫފް ޓޮޕްގެ މަސައްކަތް ކަމަށް ސައްތާރު ވިދާޅުވިއެވެ.
މަސައްކަތަށް ބައެއް ލަސްތަކެއް ކުރިމަތިވި ނަމަވެސް، އެއީ ބޭރުން—ޚާއްޞަކޮށް ޗައިނާއިން—ގެންނަންޖެހޭ ސާމާނު ލިބުމުގައި ހުރި ދަތިތަކާ ހުރެ ކަމަށް ސައްތާރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، އަންނަ ޑިސެމްބަރަށް ބޮޑުބައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ސްވިމިންގް ޕޫލަކީ ސްވިމިންގް އެތުލީޓުންނާއި މުޅި އެކުއޭޓިކްސް އާއިލާގެ ވަރަށް ބޮޑު ހުވަފެނެކެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހުޅުވި، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދާނެ މުހިންމު މަޝްރޫއެކެވެ.