މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: ފައިނަލުގެ ޖާގަ ފިނޮޅާއި މީޓިއޮސް ކަށަވަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: ފައިނަލުގެ ޖާގަ ފިނޮޅާއި މީޓިއޮސް ކަށަވަރުކޮށްފި

މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި ފައިނަލުގެ ޖާގަތައް ފިނޮޅާއި މީޓިއޮސް ކަށަވަރުކޮށްފިއެވެ. މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި ކުރިއަށްދިޔަ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފުރަތަމަ ސެމީފައިނަލުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ފިނޮޅު މެޗު ކާމިޔާބުކުރީ 46 ލަނޑުންނެވެ. ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ މި މެޗުގެ ގުރުދިމާވުމުން ފިނޮޅުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 139 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 33 ލަނޑު ހެދި ހުސެއިން ރިމާޒް އެވެ.

ފިނޮޅުން ދިން އަމާޒަށް ޖަވާބު ދިނުމަށް ސިފައިންގެ ޓީމުން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. ސިފައިންގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ބޯޅައިން 36 ލަނޑު ހޯދައިދިން މުހައްމަދު ޝަރީފް އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މީޓިއޮސް ބައްދަލުކުރީ ނާލި އެކްސްޗޭންޖާއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅުނު ސުޕައޯވަރު ކާމިޔާބުކޮށް މީޓިއޮސް ވަނީ ފައިނަލުގެ ފަހު ޖާގަ ހޯދާފައެވެ.

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ ކުރިކެޓް ކާނިވަލުގެ ބައެކެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފިނޮޅާއި މީޓިއޮސް އެވެ.

މިއަދު އޮންލައިން