ގޯލްޑް ކަޕްގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކަށް "ވީމީޑިއާ"

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ގޯލްޑް ކަޕްގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކަށް "ވީމީޑިއާ"

ނައިންޓީ ޕްލަސްއިން އިންތިޒާމުކުރާ ގޯލްޑް ކަޕްގެ މިއަހަރުގެ މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކަށް "ވީމީޑިއާ" ހަމަޖައްސައިފި އެވެ.

ވީމީޑިއާގައި މިއަދު ބޭއްވި ހަފްލާގައި، ނައިންޓީ ޕްލަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުހައްމަދު ޝާޒްލީ އެވެ. އަދި ވީމީޑިއާގެ ފަރާތުން ސޮއިކުރެއްވީ ވީމީޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު، ސީސީއޯ އަހުމަދު އުމަރު އެވެ.

ސޮއިކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ ގޯލްޑް ކަޕްގެ ފަރާތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައިދެކެނީ، މުބާރާތް ލައިވް ކުރުމަށް ކަމަށާ އެގޮތުން ވީހާވެސް ގިނަ މިހުންނަށް ފަސޭހައިން މުބަރާތް ފެނުން އެއީ ގޯލްޑް ކަޕްގެ މިފަހަރުގެ އެންމެ މުހިއްމު މަގުސަދުކަމަށެވެ.

ޝާޒް ވިދާޅުވީ ވަރަށް ބޮޑު ޔަގީން ކަމެއް ވީމީޑިއާ އަށް އެބަ އޮތް ކަމަށެވެ.

ވީމީޑިއާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށް މިކަން ކުރާއިރު، އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ވީމީޑިއާ އެކު އަޅުގަނޑުމެންގެ ސަޕޯޓަރުން އަދި މި މުބާރާތް ބަލަން ބޭނުންވާ ހުރިހާ އެންމެންނަށް ވެސް ވަރަށް ފުރިހަމަކޮށް މިކަން ކުރެވޭނެ ކަމަށް" މުހައްމަދު ޝާޒްލީ

މީގެ އިތުރުން ވީމީޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު، ސީސީއޯ އަހުމަދު އުމަރު ވިދާޅުވީ މި މުބާރާތަކީ ގައުމީ ފެންވަރުގެ މުބާރާތަކަށް ވާތީ، މި އެއްބަސްވުމާމެދު ވަރަށް ފަހުރުވެރިވާކަމަށެވެ.

މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށީގަ އެވެ. މި މުބާރާތް ކުރިއަށްދާނީ ޖުލައި 25 އިން އޮގަސްޓް 30 ގެ ނިޔަލަށެވެ.

ނައިންޓީ ޕްލަސްއިން ވަނީ މި އަހަރުގެ މުބާރާތުގައި 28 ޓީމަށް ފުރުސަތު ދޭން ނިންމާފަ އެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށާއި، ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގެ އިތުރުން، ކޮންމެ އަތޮޅަކުން އެއް ޓީމަށެވެ.

ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށްދާނީ ހަތަރު ޓީމުގެ މައްޗަށް ބަހާލެވޭ ހަތް ގުރޫޕްގެ މެދުގަ އެވެ. އެއަށްފަހު ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވާނެ އެވެ. ގަދަ 16 ގެ އަނެއް ދެ ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެ ޓީމަށެވެ.

ގޯލްޑް ކަޕަކީ ފުޓްބޯޅައަށް އޮންނަ ލޯބި އިތުރުކޮށް ފުޓްބޯޅައިގެ ފޯރި ގަދަކުރުމުގެ އަމާޒުގައި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ފެށި މުބާރާތެކެވެ.

ހަބަރު: ވީމީޑިއާ

މިއަދު އޮންލައިން