މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިނޮޅުން ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިނޮޅުން ހޯދައިފި

މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ފިނޮޅު ޓީމުން ހޯދައިފިއެވެ. ފިނޮޅުން މި ޝަރަފު ހޯދީ ފައިނަލުގައި މީޓިއޮސް އަތުން 6 ވިކެޓުން މޮޅުވެގެންނެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގެ ގުރުދިމާވުމުން ފިނޮޅުން ގަސްތުކުރީ އެންމެ ފުރަތަމަ ހޮވުމަށެވެ. އެގޮތުން މީޓިއޮސް ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 116 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ބޯޅައިން 32 ލަނޑު އެއްކުރި އިބްރާހިމް އަލީ އެވެ.

މީޓިއޮސްގެ ލަނޑުތަކަށް ޖަވާބު ދިނުމަށް ފިނޮޅުން ކުޅެންއަރައި، 7.3 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 118 ލަނޑު ހަދައި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރިއެވެ. ފިނޮޅު ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ 13 ބޯޅައިން 31 ލަނޑު ހެދި މުހައްމަދު ސައީދު އެވެ.

މުބާރާތުގެ ވަކިވަކި ވަނަތަކަށް ބަލާއިރު، އޯޕަން ޓޭޕްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް ހޮވުނީ ޖުމްލަ 134 ލަނޑު ހެދި މީޓިއޮސްގެ އިބްރާހިމް އަލީއެވެ. މުބާރާތުގައި އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިއަކީ 7 ވިކެޓް ހޯދި މުހައްމަދު ސައީދުއެވެ.

މީގެ އިތުރުން، މުބާރާތުގައި އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިންގެ ތެރޭގައި ފިނޮޅުގެ ހުސެއިން ރިމާޒް އާއި އިސްހާގު އަހުމަދުގެ އިތުރުން މީޓިއޮސްގެ ޝަފްރާޒް ޖަލީލް ހިމެނެއެވެ. މި މުބާރާތަކީ ރަމަޟާން މަހުގެ ފޯރި ގަދަކުރުމަށް ކުރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތެކެވެ.

މިއަދު އޮންލައިން