ވިލާ ފައުންޑޭޝަނުން އެކަނިވެސް ރައްޔިތުންނަށް 794 މިލިއަން ރުފިޔާ ހޭދަކުރެވިއްޖެ!: ޙަމީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ވިލާ ފައުންޑޭޝަނުން އެކަނިވެސް ރައްޔިތުންނަށް 794 މިލިއަން ރުފިޔާ ހޭދަކުރެވިއްޖެ!: ޙަމީދު

ވިލާ ފައުންޑޭޝަނަކީ ދިވެހި ރައްޔިތުންނަށް ޗެއާމަން ޤާސިމް އިބްރާހީމް ދިއްކޮށްލެއްވި އެހީތެރިކަމުގެ ދަންމަރު ކަމަށާއި ވިލާ ފައުންޑޭޝަނުގެ ތެރެއިން އެކަނިވެސް މިހައިތަނަށް ދިވެހި ރައްޔިތުންނަށް 794 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށް ވިލާ ފައުންޑޭޝަންގެ އެގްޒެކަޓިވް ޑިރެކްޓަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. 

ވިލާ ފައުންޑޭޝަނަށް 20 އަހަރުފުރުން ފާހަގަކުރަން މިރޭ ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މުޙައްމަދު ޙަމީދު (ޢުމަރުބެ) ވިދާޅުވީ ވިލާ ފައުންޑޭޝަނަކީ ޗެއާމަން ޤާސިމް އިބްރާހީމްގެ ހަޔާތްޕުޅުގެ ގޯލްޑަން ޖުބިލީ، 50 ވަނަ އުފަންދުވަހު ޤައުމަށް ދެއްވި ހަދިޔާއެއް ކަމަށެވެ. 

މުޙައްމަދު ޙަމީދު ވިދާޅުވީ ވިލާ ފައުންޑޭޝަނުން އަހަރަކު 1000 ވަރަކަށް ދިވެހި ރައްޔިތުންނަށް ތަފާތު ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކޮށްދެވުނު ކަމަށާއި ވިލާ ފައުންޑޭޝަނުން ކުރި ޚަރަދުގެ 60 އިންސައްތަ ޚަރަދުކުރެވިފައިވަނީ ބޭސްފަރުވާ ކުރުމަށް ކަމަށެވެ. އަދި 40 އިން ސައްތަ ޚަރަދުކުރެވިފައިވަނީ މަތީ ތައުލީމަށާއި އިޖުތިމާޢީ ކަންކަމަށް ކަމަށެވެ. 

މުޙައްމަދު ޙަމީދުގެ ވާހަކަފުޅުން: 

ވިލާ ފައުންޑޭޝަން ރަސްމީކޮށް އުފެދުނީ 19 ފެބްރުވަރީ 2003 ގައި ނަމަވެސް 1990 ވަނަ އަރުން ފެށިގެން ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމް ގެންދެވީ އެމަނިކުފާނުގެ ވެލްފެއަރ ސްކީމެއްގެދަށުން ދަރިވަރުންނަށް މަތީ ތައުލީމު ހާޞިލުކުރުމުގެ ފުރުޞަތު ދެއްވަމުން. ކޮންމެ އަހަރަކުވެސް ފުރުޞަތަށް އެދޭ ދަރިވަރުންގެ ތެރެއިން ޚާއްޞަ ޕެނެލަކުން ހޮވާ ދަރިވަރުންނަށް ގެންދެވީ ފުރުޞަތު ދެއްވަމުން. 

ކުރުމުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޕައިލެޓުންނާއި އިންޖިނޭރުން ފަދަ ރާއްޖެއަށް އެންމެ ބޭނުން ބޮޑުވެފައިއޮތް ދާއިރާތަކުން ކިޔަވައިގެން އައިސް ޤައުމަށް ޚިދުމަތްކުރަން ފެށި. މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް ފުރުޞަތު ދެއްވަން އިސްކަން ދެއްވި. 

މިކަންކަމުގެ އިތުރުން ޤާސިމް އިބްރާހީމް ދައުލަތުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތުންވެސް ގިނަ ދަރިވަރުންތަކަކަށް މަތީތައުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވަވާފަ. 

ވިލާ ފައުންޑޭޝަނުން ދަރިވަރުންނަށް ފުރުޞަތު ދޭންފެށުމުން މަތީ ތައުލީމު ހޯދައިދިނުމުގެ މުހިންމުކަން ސަރުކާރަށް ވިސްނުނު. އެހިސާބުން މިސްރާބު ބަދަލުކުރެއްވީ ރާއްޖެއިން ލިބެން ނެތް މަތީ ތައުލީމުގެ ފުރުޞަތުތައް ރާއްޖެއިން ހޯއްދަވައިދެއްވަން. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮލެޖު، ވިލާ ކޮލެޖުގެ ބިންގާ 2008 ވަނަ އަހަރު އެޅުއްވި. ކުޑަ އަގެއްގައި ރާއްޖޭގައި ތިބެގެން މަތީ ފެންވަރަށް ކިޔެވުމުގެ މަގު ފަހިކޮށްދެއްވި. މިއަދު ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު އެންމެ ފުޅައު ދާއިރާއެއްގައި އުނގަންނައިދޭ އެއް މުންނާރު. އިރާދަކުރެއްވިއްޔާ މާދަމާ ވިލާ ކޮލެޖު ބަދަލުވެގެންދާނީ އެންމެ ފުރަތަމަ ރާއްޖޭގަ ހުޅުވޭ ޕްރައިވެޓް ޔުނިވަރސިޓީއަށް. މިހުވަފެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޙަޤީޤަތަކަށްވެގެންދާނެ .

 

- މުޙައްމަދު ޙަމީދު

މިއަދު އޮންލައިން