ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް، މީގެ 16 އަހަރު ކުރިން ޚާއްޞަ ކޮމިޝަނެއް އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގައި ނަމަވެސް ފާއިތުވި އަހަރުތަކުގައި، ތަފާތު އެތައް ސަބަބުތަކަކާހުރެ، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައިވާކަމަށް ވިދާޅުވެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެއީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ނުރަނގަޅު ބާރު އެ ކޮމިޝަނުގެ މައްޗަށް އޮތް އޮތުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ، އެހީތެރިވެ، މުސްތަޤިއްލުކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދޭނެ ކަމުގެ ޔަޤީންކަން ކޮމިޝަނުގެ ހުރިހާ މެންބަރުންނަށާއި، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
ޢާންމު ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަކީ، ދައުލަތުގެ އެންމެ މަތީ ޒިންމާކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. ދައުލަތެއް ހިނގަނީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކަމަށްވާއިރު، އެއިރަކު އޮންނަ ސަރުކާރަކުން ޤާނޫނުއަސާސީއާ ޚިލާފުވެ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކާމެދު އިހުމާލުވާނަމަ، އިންސާނީ ޙައްޤުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް، ޢާންމު ރައްޔިތުންނަކަށް ނޯންނާނެ.
މި ސަރުކާރުން ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، ދިވެހި ދައުލަތުގެ ކޮންމެ ފަރުދަކަށް، އެއްވެސް ތަފާތުކުރުމެއް، އެއްވެސް އިސްތިސްނާއެއް ނެތި، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެކަން. އެކަން ކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙުކޮށް، ހިންގުން ހަރުދަނާކުރަންޖެހޭ.
މި ދެންނެވި މަގަށް ދައުލަތުގެ ހިންގުން މިސްރާބު ކުރުމަށް، މި ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި. މި ދެންނެވި ފިޔަވަޅުތަކުގެ ސަބަބުން، ދައުލަތުގެ ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތައް، ޒިންމާއާ އެއްގޮތަށް ޚިދުމަތްދީ، ދުސްތޫރީ އަދި އަސާސީ ޙައްޤުތައް ނެގެހެއްޓުމުގެ ޤާބިލުކަން އަންނަނީ އިތުރުވަމުން.
މި ވެރިކަމާ ރާއްޖެ ކުރިމަތިލިއިރު، ރާއްޖޭގައި އަށަގަންނަމުންދިޔަ ޘަޤާފަތަކީ، އާރާއި ބާރުގައި ތިބެ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށްފަހު، އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި، އެކަންކަމުން ބޯދަމައިގަތުން. މި ސަރުކާރުގެ އިންތިޤާލީ ޢަދާލަތުގެ ތެރެއިން، އަޅުގަނޑުމެން މި އަންނަނީ، މި ދެންނެވި ނުބައި ޘަޤާފަތް، ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން.