ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ހަޔާތުގައި ޒަމާނުއްސުރެ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެމެހެއްޓެނިވި އަދި ތަނަވަސް ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމަކުން ގެދޮރުވެރިކަން ކަށަވަރުނުވާ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމުގެ ވަޢުދުފުޅާއެކު، ބިޔަ މަސައްކަތްތަކެއް ފަށާފައެވެ. މި ސިޔާސަތުގެ ދަށުން ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ ބިނާރާއި ބޯހިޔާވަހިކަމުގެ ދާއިރާއިން އިންޤިލާބީ ބަދަލުތަކެއް ފެނިގެންދިޔަ މުހިންމު ދުވަސްވަރެކެވެ.
މާލެ ސަރަހައްދު ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" މަޝްރޫއެވެ. ދައުލަތުގެ ދަރަނި އިތުރުނުވާނެ ގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ކުރިއަށްގެންދާ މި މަޝްރޫއުއައި 65,000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ރޭވިފައެވެ. ޖުމްލަ 1,009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވަނީ 577 ހެކްޓަރު ހިއްކާ ނިންމާފައެވެ. މީގެ ތެރެއިން 500 ހެކްޓަރު އާންމުންގެ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތަކަށް ހާއްސަކުރެވި، 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
އިޤްތިސާދީ ގޮތުން މި ބިން ބޭނުންކުރުމަށްޓަކައި، އަބޫދާބީގެ މަޝްހޫރު "އީގަލް ހިލްސް" އާއެކު 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްޤީކުރުމަށް ސެޕްޓެންބަރު 21 ގައި ވަނީ އެއްބަސްވެފައެވެ. މި މަޝްރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީގެ 40 އިންސައްތަ ރަސްމާލެއިން ލިބޭނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫނާރާނެހެން، ވަކި ޤާނޫނެއްގެ ދަށުން ދިވެހިންގެ ފުރިހަމަ ބާރު އޮންނާނެހެން މި މަޝްރޫއު ހިންގުމަށް ވަނީ ކަށަވަރުކުރެވިފައެވެ. ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމުމަށް އިސްކަންދީ، ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރި 4,000 ފްލެޓް އެއްކޮށް ނިންމައި މިހާރު ވަނީ ރައްޔިތުން ދިރިއުޅެން ފަށާފައެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، އަލުން ގުރުއަތުލައި ރަޖިސްޓްރީ ހަވާލުކުރެވުނެވެ. ގުޅީފަޅުން 150 ހެކްޓަރު ކުރިން ހިއްކާފައިވާއިރު، އިތުރަށް ބިން ހިއްކުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު:
ގިރާވަރުފަޅުން ހިއްކަން ކަނޑައެޅި 167.15 ހެކްޓަރުގެ ތެރެއިން އަދި ނުހިއްކި 97.15 ހެކްޓަރު އެބައޮތެވެ. މީގެއިތުރުން ހުޅުމާލެ ފޭސް 3 އިން ދޫކުރާ 698 ގޯތީގެ ތެރެއިން 603 ބިމެއްގެ އިންވަކިކޮށް ނިންމައި، ބިންތައް ސާފުކުރުމަށްފަހު ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ތަޢާރަފުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ޖުމްލަ 58,585 ފަރާތަކުން ކުރިމަތިލިއެވެ. މި އެޕްލިކޭޝަންތަކުގެ ތަފްސީލަކީ:
މި ސްކީމްގެ ދަށުން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ރަސްމާލެއިން ގޯތި ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ގޯއްޗެއް ލިބޭއިރު މިލްކިއްޔާތުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލަންޖެހޭ އުސޫލު 2024 ވަނަ އަހަރުގެ މާރިޗު މަހު ވަނީ އުވާލައްވާފައެވެ. ބޯހިޔާވަހިކަމުގެ އައު ޢުމްރާނީ މަސައްކަތްތަކުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރެންޓް-ޓު-އޯން އުސޫލުން ވިލިމާލޭގައި 300 ޔުނިޓާއި ހުޅުމާލޭގައި 2,960 ޔުނިޓް ހިމެނޭހެން 3,260 ހައުސިންގ ޔުނިޓް އަޅަން ފަށާފައިވާއިރު، އިތުރު 710 ޔުނިޓް އިތުރުކުރަން ވަނީ ނިންމާފައެވެ.
މީގެއިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅީފަޅުގައި 4,000 ޔުނިޓް އަދި އީގަލް ހިލްސްއާ ގުޅިގެން ހުޅުމާލޭގައި މަސައްކަތްތެރިންނަށް ޚާއްޞަ 5,000 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު 2028 ވަނަ އަހަރުގެ އޮގަސްޓަށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
މާލީ އެހީތެރިކަމުގެ ގޮތުން "ހިޔާވަހި" ފައިނޭންސިންގ ސްކީމްގެ ދަށުން 840 ފަރާތަކަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ %20 އިން %5 އަށް ދަށްކޮށް، ސަރުކާރުން ހިލޭ އިކުއިޓީ ދޭ އުސޫލެއް ވަނީ ތައާރަފުކޮށްފައެވެ.
މާލެއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި 57 ރަށެއްގައި ހައުސިންގ މަޝްރޫޢުތައް އިއުލާންކުރެވި، އޭގެ ތެރެއިން 13 ރަށެއްގައި (އޭދަފުށި، ނައިފަރު، އުކުޅަސް، މުލައް، ކުޑަހުވަދޫ، މީދޫ، ގަން، ފޮނަދޫ، ވިލިނގިލި، މަޑަވެލި، ތިނަދޫ، ގައްދޫ އަދި ފުވައްމުލައް) 800 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
މި މަޝްރޫޢުތައް ދެމެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ ދާއިރާއަށް 2 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، 2027 ވަނަ އަހަރުގެ ބަޖެޓުގައި މި ދާއިރާއަށް 3 ބިލިޔަން ރުފިޔާ ކަނޑައެޅުމަށް ވަނީ ރާވާފައެވެ. މި ފައިސާ ޚާއްޞަކުރެވެނީ ސަރުކާރުގެ ޢުމްރާނީ މަޝްރޫޢުތަކުގެ އިތުރުން، އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށް ރައްޔިތުންނަށް ދޫކުރާ މާލީ އެހީތެރިކަމަށެވެ.
މަޝްރޫއުުތަކުގެ ހިންގުމުގެ ދުވެއްޔާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކާއި ބައެއް މީޑިއާތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ސަރުކާރުގެ ރަސްމީ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މިހާރު ފަށާފައިވާ އެންމެހައި މަޝްރޫއުތައް އެއްކޮށް ނިންމައި، ރައްޔިތުންނަށް ދިރިއުޅެވޭ ފެންވަރަށް އެ ތަންތަން ހަވާލުކުރުމެވެ. މިއީ ދިވެހި ތާރީޚުގައިވެސް އެންމެ އަވަސް މިނެއްގައި ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތްތައް ފެށިގެން ދިޔަ ދައުރެވެ.
މި ސަރުކާރުގެ ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް އުންމީދީ އައު ދިރުމެއް ގެނެސްދިން ދުވަސްވަރެކެވެ. ކުރީގެ މަޝްރޫއުުތައް ފުރިހަމަކުރުމާއެކު، ރަސްމާލެ ފަދަ ޒަމާނީ ބިޔަ ޕްލޭންތަކާއި، މާލީ ލުއިފަސޭހަތަކާއި، އަދި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫއުތަކަކީ ރައްޔިތުންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅުތަކެކެވެ. އިޚްލާސްތެރިކަމާއެކު މި މަސައްކަތްތައް ނިންމުމަށް ކުރެވޭ ހޭދައާއި މަސައްކަތުގެ ނަތީޖާއަކަށް ވާނީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ވެށީގައި އުފާވެރި، ރައްކާތެރި ދިރިއުޅުމެއް ކަށަވަރުވެގެން ދިއުމެވެ.