ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު 4 ބިލެއް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ކަމާގުޅޭ ދާއިމީ ކޮމިޓީތަކަށް ފޮނުވައިފިއެވެ. މި ބިލުތަކުގެ ތެރޭގައި އިމިގްރޭޝަނާ ބެހޭ އައު ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ އިތުރުން މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު ހިމެނެއެވެ.
އިމިގްރޭޝަންގެ އައު ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 1 މެންބަރެކެވެ. މި ބިލުގައި މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމުގެ އިތުރުން، އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް މުތުލަޤަށް ވަނީ ކަނޑައަޅާފައެވެ. މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް 4 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ 7 މެންބަރުން ތިއްބެވިއެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދެމެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް ހުށަހެޅި މި ބިލުގައި ވަކި ފަރާތަކަށް ނިސްބަތްކޮށް ދޮގު މަޢުލޫމާތު ފެތުރުމަކީ އަބުރާބެހުން ކަމުގައި ވަނީ ހިމަނާފައެވެ. މި ބިލު ދިރާސާކުރަން ފޮނުވީ ޖުޑީޝަރީ ކޮމިޓީއަށެވެ.
ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ބަލައިގަތީ 42 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ. މި ބިލުގެ ދަށުން "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށާއި، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ކަނޑައަޅައި، އެ ތަންތަނުން ފަތުރުވެރިކަމުގެ ޓެކްސް ރޭޓުން ޓެކްސް ނެގުމުގެ އިތުރުން، ހޮސްޕިޓަލާއި މިސްކިތް ފަދަ އަސާސީ ވަސީލަތްތައް ޤާއިމުކުރުމަށް ލާޒިމުކުރެއެވެ.
މީގެ އިތުރުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނާރުވައެވެ. މި ބިލުގެ މަޤްޞަދަކީ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މީގެ ތެރޭގައި ވާރިސުންގެ އިއްތިފާޤުވުމާއި، ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަވުމުގެ އިތުރުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ މުހިންމު ޝަރުޠުތައް ހިމެނެއެވެ.