ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކާ ޚިލާފުވެފައިވާތީ، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ތިން ކުންފުންޏެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އެ ކުންފުނިތަކަށް ދޫކޮށްފައިވާ މަނީޗޭންޖިން ލައިސަންސް ބާތިލުކޮށްފިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މުއައްސަސާގެ ގަވާއިދުތަކާ ޚިލާފުވެގެން ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ކަމަށެވެ.
އެޅުނު ފިޔަވަޅުތަކުގެ ތަފުސީލަށް ބަލާއިރު:
- އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް: 250,000 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ވަނީ ބާތިލުކޮށްފައި.
- މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް: 250,000 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ވަނީ ބާތިލުކޮށްފައި.
- މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް: 500,000 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ވަނީ ބާތިލުކޮށްފައި.
އެމްއެމްއޭގެ މަނީޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދު ބުނާގޮތުން، އެފަދަ ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވެއެވެ. އެގޮތުން ވިޔަފާރިތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނުގެ ރެކޯޑުތައް ބަލައި އޮންސައިޓް އެގްޒެމިނޭޝަންތައް ހިންގައެވެ. މިފަދަ ބަލައި ފާސްކުރުންތަކުގައި ބޭރުފައިސާ ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި ރެކޯޑުތައް އަޅާކިޔާއިރު، ގަވާއިދާ ޚިލާފުވާ ފަރާތްތައް 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނުގެ ދަށުން އެމްއެމްއޭއަށް ލިބިދީފައިވެއެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުންވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.