ކޮޕް31 ސަމިޓުގެ ހަވާސާގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި އިޓަލީވިލާތުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ސެކިއުރިޓީއާ ދެމެދު ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ވުޒާރާގެ އިސް އޮފިޝަލުން ވަނީ މީގެކުރިން ދެމެދުގައި ސޮއިކުރެވިފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) ގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މުރާޖަޢާކުރައްވާފައެވެ. އަދި މިހާރު ހިނގަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށްޓަކައި، ކުރިމަގުގައި ހިންގިދާނެ ޤާބިލުކަން އިތުރުކުރުމުގެ (ކެޕޭސިޓީ ބިލްޑިންގ) ޕްރޮގުރާމްތަކާ ގުޅޭގޮތުން ދެފަރާތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއެވެ.
މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ތިމާވެށީގެ ދާއިރާއިން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހަބަރު: ސަރުކާރު