ރައީސް ޔާމީނުގެ ނިންމެވުމާއި ދެކޮޅަށް ރައީސް ޔާމީން މިނިވަން ކުރަން ބައަކު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާއި ބައްދަލުކޮށްފިއެވެ.
ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ގައްސާން މައުމޫނާއި، އަހުމަދު ޝިޔާމް، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ދެ ނާއިބް ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި، މުހައްމަދު ނިމާލްގެ އިތުރުން ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލު ކުރެއްވިކަން ސަރުކާރުގެ ތަރުޖަމާނު ވަނީ މިއަދުނޫހަށް ކަށްވަރުކޮށްދެއްވައިފައެވެ.
ހޫދު ވިދާޅުވީ އެބޭފުޅުން ބޭނުންފުޅުވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ދެއްވެން ނެތް ކަމަށެވެ.
ޝަރުޢީ ކޯޓަކުން ކުރާ ޙުކުމަކާއި ގުޅިގެން ނަމަވެސް ފުލުހުން ނަމަވެސް މީހަކު ބަންދުކުރުމުން ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލުކުރުމަކީ ރައީސް ޔާމީން ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކަމެކެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އެއްވެސް މީހަކު ބަންދު ނުކުރައްވާނެ ކަމަށާއި މީހަކު ބަންދު ކުރަން އަމުރުވެސް ނުކުރައްވާނެ ކަމަށެވެ. އަދި ކޯޓުން ޙުކުމެއް ކޮށްފިނަމަ އެ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށާއި އެކަމަށް އެއްވެސް ވަރަކަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަދި މީހުން ޖަލުގައި ބަންދުކުރަނީ ޖަލުތައް ހުންނާތީ ކަމަށާއި މީހަކު ބަންދުކުރުމުން އެކަމާއި ދެކޮޅަށް އެއްވާން އެންމެ ރަނގަޅުތަނަކީ މައްކާގެ ޙަރަމްފުޅު ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް ޔާމީން ޖަލުގައި ބަންދުކުރަން ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރައީސް އިބްރާހީމް ޞާލިޙްގެ އަރިއަހަށް ދިއުމާއި މާލޭގައި މިބާއްވާ އެއްވުންތަކަކީ ރައީސް ޔާމީންގެ ނިންމެވުންތަކާއި ދެކޮޅަށް ހިންގާ ޙަރަކާތްތަކެއްކަމަށް ފާހަގަކުރެވެއެވެ!