މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ" ސްކީމްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ފްލެޓުގެ ފައުންޑޭޝަން މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ބީއެމްއެލްގެ ހޯމް ލީސިންގ ކުންފުނިން ހިންގާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެފް ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް މިހާރު ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، ފައުންޑޭޝަން އެޅުމުގެ މަރުޙަލާގެ ތެރެއިން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާއާ ހިއްސާކުރައްވަމުން ޕްރޮޖެކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާޙު ވިދާޅުވީ، ކުރިން ކުދިކުދި ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
"ޓައިމްލައިންގައި ކުޑަކޮށް ޑިލޭތަކެއް ހުރި. އެހެން ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަޅުގަނޑުމެންނަށް 2028 ވަނަ އަހަރުގެ މެދުތެރެއަށް، އެއީ ޖުލައި މަހަށް މަޝްރޫޢުގެ މަސައްކަތްތައް ނިންމާލެވޭނެ،" ޝަރާޙު ވިދާޅުވިއެވެ.
ޝަރާޙު އިތުރަށް ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރާ ގުޅިގެން މިހާރު ދަނީ މަޝްރޫޢުގެ ރިވައިޒްޑް ޓައިމްލައިން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
މަރުކަޒީ ބޭންކުގެ އިސްނެގުމުގެ މަތިން ހިންގާ މި ސްކީމަކީ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.