ތިމާއަކީ ހެޔޮލަފާ މީހެއް ކަމާއި ތަޤްވާވެރިކަން ދައްކަންވީ އެހެން މީހުންނާއިމެދު ހަރުކަށިވުމަކުން ނޫނެވެ. އެހެން މީހުންނަށް އެހީތެރިވެ ދިނުމާއި އޯގާތެރިކަމުންނެވެ. ހަރުކަށިވާންވީ ހަމައެކަނި އިސްލާމް ދީނުގައި ސާބިތުވުމަށެވެ.
ރުޅި މޫނާއި ކުނި މޫނު ދެއްކުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ހިނިތުންވުމަކީ ޞަދަޤާތެއް ކަމުގައި ލައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. އެނގޭހެއްޔެވެ؟ މޫނު ހަދައި ރުޅި މޫނާއި ކުނި މޫނު ދައްކާ މީހުންގެ މިޒާޖު ހަރުކަށިވެ ނުބައިވެގެންދެއެވެ. އަދި އިސާހިތަކު އެމީހާގެ މޫނުގެ އުޖާލާކަން ގެއްލި ބިރުވެރި ސިފައަށް ބަދަލުވެގެންދެއެވެ.
ވީމާ މޫނު ރިތިކޮށް ބަހައްޓަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެކަމަށް ޕްރެކްޓިސްކުރަންވީ ގޭގައެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނާއި ކުރިމަތިލާއިރު ހިނިތުންވެ ހުރުމަކީ ގެއިން ބޭރުގައިވެސް އެ ރީތި ސިފައިގައި ހުންނަން މަގުފަހިކޮށްދޭ ކަމެކެވެ. ވީމާ އެކަމަށް ގޭތެރެއިން ޕްރެކްޓިސް ހޯދާށެވެ!
ކޮންމެ މީހަކުވެސް ޤަދަރުވެރިންނާއި މަހުޖަނުންނާއި ބައްދަލުކުރާއިރު ހިނިތުންވެ ހުންނަން މަސައްކަތްކުރެއެވެ. ހިތް ހެޔޮ މިޒާޖު ދައްކަންވެސް ބޭނުންވެ އެކަމަށްވެސް މަސައްކަތް ކުރެއެވެ. އެވަރަކުން ނުފުދޭނެއެވެ. ކިތަންމެ ދެރަ އަދި ނިކަމެތި މީހަކާއި ކުރިމަތިލި ނަމަވެސް އެކަންކަން ހަމަ އެގޮތަށް ބަހައްޓަން މަސައްކަތްކުރާށެވެ! ޙަޤީޤީ ތަޤްވާވެރިންގެ ސިފައަކީ އެއީއެވެ.
- ޢަބްދުއްލަޠީފް