ރާއްޖޭގެ ޤާނޫނު އަސާސީގެ ހުވައެއް ފުރަތަމަ ފަހަރަށް ލައިދެއްވި އަންހެން ފަނޑިޔާޔާރު ކަމުގެ ޝަރަފް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު ޢައިޝަތު ޝުޖޫން ޙާޞިލުކުރައްވައިފިއެވެ.
ޝުޖޫނަށް މި ތާރީޚީ ޝަރަފް ލިބިވަޑައިގަތީ ޖޫޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ސަމީރު އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ހުވާލައިދެއްވުމުންނެވެ.
ޝުޖޫން ވަނީ ރާއްޖޭގެ ޝަރުޢީ ކޯޓަކަށް ފުރަތަމަ ހަމަޖެއްސި އަންހެން ފަނޑިޔާރުނެގެ ތެރޭގައި ވެސް ހިމެނިވަޑައިގެން ތާރީޚްގެ ތެރެއަށް ވަދެވަދައިގެންފައެވެ. ޝުޖޫން ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި އިސް ފަނޑިޔާރުކަން ވެސް ކުރައްވައިފައެވެ. ވީމާ ޝަރުޢީ ކޯޓެއްގެ އިސް ފަނޑިޔާރުކަން ވެސް ފުރަތަމަ ކުރެއްވި އަންހެން ބޭފުޅަކީ ޝުޖޫންކަމަށް ވަނީ ވެވަޑައިގެންފައެވެ.