މިރޭ ހުޅުމާލޭގައި އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރަކު މަރާގުޅިގެން ފުލުހުން ހުޅުލެ އާއި މާލެ އަދި އެއާޕޯޓް ސަރަހައްދުގެ ވެހިކަލްތަކާއި މީހުން ބަލައިފާސް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރަކު މިރޭ ހުޅުމާލޭގައި މަރާލާފައިވާއިރު ފުލުހުން ހުޅުލެ އާއި މާލެ އަދި އެއާޕޯޓް ސަރަހައްދުގެ ވެހިކަލްތަކާއި މީހުން ބަލައިފާސް ކުރަމުން އަންނަ ކަމަށާއި މި މަރުގެ މައްސަލަ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަނުން މިހާރު ތަހުގީގުކުރަމުން އަންނައިރު އެކަމުގައި ތުހުމަތު ކުރެވޭ މީހާ، ހޯދުމަށް ފޮރެންސިކާ ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށެވެ.
ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ފޮޓޯއަށްބަލާއިރު މަރާލާފައިވާ ޓެކްސީ ޑްރައިވަރުގެ ވަށައިގެން ވަނީ ގިނަ އަދަދަކަށް ލޭ އޮހޮރިފައެވެ. މަންޒަރު ސިފަކުރާ މީހުން ބުނަނީ ލޭގެ ކޯރެއް ހެދިފައިވާ ކަމަށެވެ.