ލޯފަން މީހުން މުދިމްކަމަށް ތަމްރީނުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ލޯފަން މީހުން މުދިމްކަމަށް ތަމްރީނުކުރަނީ!

ލޯފަން މީހުން މުދިން ކަމަށް ތަމްރީނު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިކަން ހާމަކުރެއްވީ ލޯފަން ކުދިންނަށް ބްރައިލް ބޭނުންކޮށްގެން ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެހެން ކުދިންނެކޭވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި ޢަމަލުކުރައްވަމުން. މި ވާކްޝޮޕަކީވެސް އެގޮތުން ހިންގުނު ވާކްޝޮޕެއް. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އިތުރަށް މިފަދަ މަސައްކަތްކުރާނަން. ހަމައެހެންމެ ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއްވެސް މިއަންނަނީ ކުރަމުން. އެގޮތުން ލޯފަންކުދިން މުދިމުން ގޮތުގައި ތަމްރީނުކޮށް ބޭނުން ހިފަން މިގެންދަނީ މަސައްކަތްކުރަމުން."

ޑރ. ޒާހިރު ވިދާޅުވީ ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިމާއި ކިޔެވުމުގެ ހުނަރަކީ ދިރުވާ އާލާ ކުރަންޖެހޭ ފަންނެއްކަމަށާއި ނިމިގެން މިދިޔަ ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނު ފަހަރު ކަމަށެވެ. އަދި މިއީ ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޖުތަމައުގެ ހުރިހައި ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް ބޭރުގެ ބައެއް ޤައުމުތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތްތަށް ކުރިއަށްދާކަމަށާއި އަދި އެކަން މިހާރު ފަހިވެފައިވާކަންވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ބެލެނިވެރިންނަށްވަނީ ވަރަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިހުމާލުނުވުމަށާއި،  ވަރަށް ބޮޑަށް އެކުދިންނަށް ސަމާލުކަން ދިނުމަށާއި، ފަރުވާތެރިވުމަށް ހަނދުމަފުޅުކޮށްދެއްވިއެވެ. ހަމައެހެންމެ މި ވާކްޝޮޕްގެ ބައިވެރިންނަށާއި، ބެލެނިވެރިންނަށާއި، މިކަން އިންތިޒާމް ކުރެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ. ޚާއްޞަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ބްރައިލް ވާކްޝޮޕް ކުރިއަށް ގެންދިއުމަށް ދެއްވި އިރުޝާދަށާއި ބެހެއްޓެވި ގާތްކަމަށް ވަރަށް ޚާއްސަ ޝުކުރެއްދެންނެވިއެވެ.

 

މިއަދު އޮންލައިން