2 ރައީސުން ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 23ސ
2 ރައީސުން ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި  މަޖިލިސް ރައީސް ނަޝީދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

2 ރައީސުންގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް  ވަނީ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަބޫދާބީގެ ވަލީއަޙްދަށާއި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީއަކީ ވިޔަފާރިއާއި އިޤްތިޞާދީ، އިޖްތިމާޢީ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ އަދި އެކިގޮތްގޮތުން ވަރަށްބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ދެމުން އަންނަ، ރާއްޖޭގެ ރައްޔިތުންގެ ގާތް އެކުވެރި ޤައުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަޙްދު ދެއްކެވި ވާޙަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ މުހިންމުކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގާތް އަޚުވަންތަގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްޞާލިޙް ޔޫއޭއީއަށް ކުރެއްވި މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނެސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން