ޕްރިސެކިއުޓާރ ޖެނެރަލް ކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނެރަލް އަދި ޤާނޫނީ ވަކީލު ޙުސެއިން ޝަމީމްގެ ނަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.
ޕީޖީ ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސް ޞާލިޙު ނަން ފޮނުއްވީ، އެމަގާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް، މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައީސް އޮފީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ ހުސެއިން ޝަމީމެވެ.
އައު ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް ނަގާ ޕްރޮސިކިއުޓާ ޖެނަރަލް ވެގެންދާނީ ރާއްޖޭގެ ހަތަރު ވަނަ ޕްރޮސިކިއުޓާ ޖެނަރަލަށެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ ގާނޫނީ ވަކީލް އަހުމަދު މުއިއްޒެވެ. އޭގެ ފަހުން ގާޒީކަން ކުރެއްވި މުހުތާޒު މުހުސިން މަގާމު ފުރުއްވި އެވެ. ދެން އެމަގާމަށް ވަޑައިގެންނެވީ އައިޝަތު ބިޝާމެވެ.