އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވީ އެގޮތުން އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެންކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީވެސް އަދި ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީ ވެސް އިސްލާމީ ޢަޤީދާކަމަށެވެ. އަދި އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބު ނިންމަވާލައްވާފައި ވަނީ އެމީހަކަށް ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚްލާޤުން އިސްލާމީ ޢަޤީދާ ހާމަކޮށްދިނުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވަމުންނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އިސްލާމް ދީނުގައި ހުރިކަންކަން ނެތް ކަމަށް ހަދައި އެމީހަކު ކުރަން ބޭނުންވާ ކަންކަން އެއީ އިސްލާމް ދީނުގައި ޙަރާމްކަންކަން ނަމަވެސް އަމިއްލައަށް ހުއްދަކޮށް އަދި ވާޖިބު ކުރައްވަވާފައިވާ ކަންކަން ކުރަން ނުޖެހޭނެ ކަމަށް ވެސް ބައަކު ބުނަމުން ގެންދާ ވަގުތެއްގައެވެ.
މިގޮތުންއ އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ޑްރަގުގެ ހުއްދަ ބާވަތްތަކެއް އެބަހުރި ކަމަށް ބުނެ އެތަކެތި ރާއްޖޭގައި ހުއްދަކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ވާހަކަ ދެއްކުމާއި އެކަން ރިޔާސަތުން ނުހުއްޓުވުން ފާހަގަކުރެވެއެވެ.