ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އުއްތަމަ ފަނޑިޔާރަތަކަށް އަޙްމަދު ފާއިޒް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަހްމަދު މުޢްތަސިމް ޢަދްނާން ޢައްޔަނުކުރެވުނެވެ. ރައީސް ޔާމީނު ވެރިކަމަށްވަޑައިގަތުމަށްފަހު 11 ޑިސެމްބަރު 2014 ގައި ކުއްލިއަކަށް ޤާނޫނަށް ބަދަލުގެނެސް އަކުރު އިތުރުކޮށް، ބަދަލުކޮށް އުއްތަމަ ފަނޑިޔާރާއި މުޢްތަސިމް ފަނޑިޔާރުކަމުން ވަކިކުރިއެވެ.
މިހާރު ބެލެވޭ ގޮތުން 11 ޑިސެމްބަރު 2019 އަންނައިރު ޝަރަފުވެރިކަމާއިއެކު އުއްތަމަ ފަނޑިޔާރަކަށް ހުންނަވާނީ އަޙްމަދު މުޢުތަޞިމް އަދްނާން އެވެ.
ރައީސް އިބްރާހީމް މިޙައްމަދު ޞާލިޙް މިއަދު ވަނީ އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަޙްމަދު މުޢުތަޞިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ޙުސްނުއްޞުއޫދް އާއި މ.ވޭސައިޑް.ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ފޮނުއްވައިފައެވެ.
ރައްޔިތުން މިދިއަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ލީ ވޯޓުން ރައީސް ޔާމީނަށް މިހާރު ވަނީ ޤައުމުގެ ރައީސްކަމުގެ މަޤާމު ގެއްލިފައެވެ. އަދި މީގެ އިތުރުން ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުން ޕީޕީއެމްގެ ރައީސްކަން ވެސް ވަނީ ގެއްލިފައެވެ. ވީމާ މިއީ ދައުލަތުގެ ބާރު ލިބުމުން ރައީސުންވެސް ވިސްނަން ޖެހޭނެ ކަމެކެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް މާޒީން ޢިބްރަތް ޙާޞިލުކުރައްވައި ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގެން ޙުކުމްތައް ކުރައްވަމުން ގެންދެވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. 12 މެންބަރުނެގެ މައްސލައިގައި ޙުކުމް ކުރެއްވިފަދައިން އެގޯޅިން މިގޯޅިން އެ މަގުން މިގަމުން ހިނގަމުންގޮސް މުޅި ރަށުގައި ހިނގާއިރުވެސް ޙުކުމުގައި ބުނާ މަންޒިލް ނުވެސް އެނގޭ ގޮތަށް ޙުކުމް ކުރެއްވުން ހުއްޓަވައިލައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.