4 ބޭފުޅަކު ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމަށް ޢައްޔަންކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
4 ބޭފުޅަކު ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމަށް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި ހަތަރު ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ނަސީމާ މުޙައްމަދުކަލޭފާނު، ހ. މާގިރި އާއި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް އާއި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤު، ހ. އާމުލީގެ އަދި އަލްފާޟިލް މުޙައްމަދު ވަޙީދު، މ. މަޑުލު އެވެ.

މި ހަތަރު ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބޭފުޅުންނާއި ބައްދަލުކުރައްވައި ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދިރުވާއާލާކުރުމުގެ މަސައްކަތުގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުގެ އިތުރުން، މިއަދު ޢައްޔަންކުރެވޭ މުޝީރުންނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ ބޭނުންހިތްޕަވައި، ދިވެހީންގެ ތަރިކަ އަންނަން އޮތްޖީލުތަކަށް ފެންނާނެ ފަދައިން ރައްކާތެރިކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މުޝީރުންގެ ގޮތުގައި ޢައްޔަންކުރެވުނު ބޭފުޅުން ވަނީ ދިވެހި ތާރީޚާއި ސަޤާފަތް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަގުގައި މިއަދު މި ދެއްވި ފުރުޞަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އެބޭފުޅުންގެ ހުރި ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާއާއި ވަނީ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ މި މަސައްކަތް ކުރުމުގައި އެބޭފުޅުންގެ ލަޔާޤަތާއި ޤާބިލުކަންހުރި މިންވަރަކުން އެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދު އޮންލައިން