ހަރުކަށި ފިކުރާއި އަދި އެނޫންވެސް އެފަދަ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ ދައުލަތުގެ އިސް ވެރިން ޒިންމާދާރު ކަމާއެކު ވާހަކަ ނުދެއްކުމުން މައްސަލަތައް އިތުރަށް ހޫނުވާކަން ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފާހަގަކުރައްވައިފިއެވެ.
މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ސީޕީ ޙަމީދު ފާހަގަކުރެއްވި ގޮތުގައި މިކަންކަމުގެ ސަބަބުން އަދި ޤައުމުގައި ނުރައްކާތެރި ހާލަތެއް ނެތް ނަމަވެސް އެކި ފަރާތްތަކުން ވާހަކަ ދެއްކުމުގައި ޒިންމާދާރު ނޫން ގޮތްގޮތަށް ވާހަކަ ދެއްކުމަކީ މައްސަލަ އިތުރަށް ގޯސްވެދާނެ ސަބަބެކެވެ. އެހެންކަމުން ވާހަކަދައްކަން ޖެހޭނީ ޒިންމާދާރުކަމާއިއެކުގައެވެ. އަދި ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ދެއްކުމުން ރައްޔިތުންގެ ތެރޭގައި ހިތް ނުތަނަވަސްވެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ. "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް."
ސީޕީ ޙަމީދު ވިދާޅުވީ ފުލުހުންގެ އެއްވެސް ބޭކަލަކު ހަރުކަށިފުކުރަށް ވާގިވެރިވުން ނުވަތަ އިސްލާމް ދީނާ ދެކޮޅު އެއްވެސް ކަމަކަށް ހިތްވަރުދީ ވާގިވެރިވުން ފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ފުލުހުންގެ ތެރޭގައި އޮތްކަމުގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަނދިރި ދައުލަތަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭނގޭ" ކަމަށް ސީޕީ ޙަމީދު ވިދާޅުވުމުން އަނދިރި ދައުލަތަކީ ކޮބައިކަން ބަޔާންކޮށް ދިނުމަށް 241 ކޮމިޓީގެ ކިބައިން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެ ކަމަށް ކޮމިޓީން އެއްވެސް ޖަވާބެއް ނުދެއެވެ. ބުނީ އެކަމަސް ވާހަކަ ދައްކަން ފުރުޞަތު ވެސް ނުދޭނެ ކަމަށެވެ.
އެހެންކަމުން އެނގިގެން މިދިއައީ އަނދިރި ދައުލަތަކީ ދީނީ ޢިލްމުވެރިން ސިފަކުރައްވާ އަނދިރިއަނދިރިން އުފައްދަވައިގެން އުޅޭ ދައުލަތެއް ކަމެވެ.
ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަކީ ކޮން ބައެއް ކަމާ ތިބި އަދަދު ފުލުހުންނަށް އެނގޭ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.