ރާއްޖޭގައި ކަންބޮޑުވުން އޮތީ ހަމަ އެކަނި ހަރުކަށި ފިކުރާ އަދި ދީނާއި ގުޅުވައިގެން މީހުންނަށް އަނިޔާވެރި ވާ މައްސަލަތަކުގައި ނޫން ކަމަށާއި ޤާނޫނު އަސާސީ އާއި ޚިލާފަށް އިސްލާމް ދީނާއި ދެކޮޅު އަމަލުތައް ކުރުމުގެ ނުވަތަ އެފަދަ ކަންކަން ހިންގުމުގެ މައްސަލަތައްވެސް އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުން ކަމަސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ 241 ކޮމިޓީގައި މިއަދު ސީޕީ ޙަމީދު ވިދާޅުވީ މިއަހަރު ތެރޭގައިވެސް އެފަދަ މައްސަލަތައް ފެންމަތިވެ އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ފުލުހުން ވާނީ ފިޔަވަޅު އަޅާފައި ކަމަށެވެ.
ސީޕީ ޙަމީދު ވިދާޅުވީ ބައެއް ފަރާތްތަކުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެވިފައިވާނެ ކަމަށާއި ކަންކަނަ ރަނގަޅުކުރަން މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ތައުލީމީ ވިޒާރާއާއި ގުޅިގެންވެސް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި ފުލުހުން އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ އޯގާ ކޭމްޕުން ދެބާވަތުގެ މައްސަލަތައް މަދުކުރުމަށް އެހީތެރިކަން ލިބެމުން އަންނަ ކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.