ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ފިންލެންޑަށް ވަޑައިގަންނަވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ފިންލެންޑަށް ވަޑައިގަންނަވަނީ

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، މިމަހުގެ 27 އިން 29 އަށް ރަސްމީ ދަތުރުފުޅެއްގައި ފިންލެންޑަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ފިންލެންޑްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޕެއްކާ ހާވިސްޓޯއާއިއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅުން ޤާއިމްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. ފިންލެންޑްގެ ފޮރިން މިނިސްޓަރުގެ އިތުރުން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ލީ އެންޑަރސަންއާއި، ފިންލެންޑުގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ.

ފިންލެންޑަކީ މިހާރު ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުން، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ޤައުމުތަކުން ނަގާ ޑިއުޓީ ކަނޑާލުމާއި ބެހޭ ގޮތުންނާއި، ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ މަގުފަހިކުރުމާއި ބެހޭ ގޮތުން ފިންލެންޑްގެ އޮފިޝަލުންނާއިއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ފިންލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ވިޔަފާރި އުޞޫލުން ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މިއަދު އޮންލައިން