އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ރިސެސްއަކަށް ސުޕްރީމް ކޯޓު ދާނެކަމަށް އެކޯޓުން މިއަދު އިއުލާނު ކޮށްފިއެވެ.
އެގޮތުން، ކޯޓުތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. މިމަހުގެ އެންމެފަހު ރަސްމީ މަސައްކަތު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
ސުޕްރީމް ކޯޓުގެ ރިސެސް މުއްދަތުގައި، ޝަރީޢަތުގެ ޖަލްސާއެއް ނުބޭއްވި ކަމުގައިވިޔަސް، މައްސަލަތައް ބަލައި ގަތުމާއި އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވެސް އެކޯޓުން ބުނެފައިވެއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުނެންވީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން އެ ކޯޓުގައި ތިއްބެވީ، ފަނޑިޔާރުން އައިޝާ ޝުޖޫން، އަބްދުލްޣަނީ މުހައްމަދު އަދި މަހާޒު އަލީ ޒާހިރެވެ.