ދައުލަތުން ދީބާޖާއަށް ދޭންޖެހޭ ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވައިފިއެވެ.
ރައީސް ޞާލިޙު މިފަދައިން ނިންމެވީ، އުތުރު ޕްރޮވިންސްގެ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރި އެއްބަސްވުން ބާތިލު ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައިދެއްވާ ފައިސާގެ ގޮތުގައެވެ.
ރައީސް ޞާލިޙުގެ ތަރުޖަމާނު އިބްރާހިމް ހޫދު އެހެން މީޑިއާއަކަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަދޭން ރައީސް ނިންމެވީ "ސެޓްލްމެންޓް ކޮމިޓީ: އިން އެފަދައިން ލަފާ ދެއްވުމުންނެވެ.
މިމައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 348 މިލިއަން ރުފިޔާ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލުގެ ގޮތުގައި ދޭށެވެ.
ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާއަށް ގެއްލުމުގެ ބަދަލުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭގައި ދޫކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިހިނގާ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުގައެވެ.