ކީރިތި ޤުރްއާން މުޅިން ހިތުދަސްކުރި، ދޮންދޫނި ލިޓްލް ލާނަރސް ޕްރީސްކޫލްގައި ތައުލީމު ހާސިލުކުރި، އުމުރުން އެންމެ ހަ އަހަރުގެ ޔޫސުފް ބިން މާޒިން އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ބައްދަލުކުރައްވާ، ހިތްވަރު ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވުނު އެބައްދަލުވުމުގައި މިނިސްޓަރ ވަނީ ޔޫސުފްގެ އިތުރުން އޭނާގެ މައިންބަފައިންނަށް ވެސް ސާބަސްކިޔާ ހިތްވަރު ދެއްވާފައެވެ. އަދި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓަރ ވަނީ ޔޫސުފް އަށް ހަދިޔާއެއްގެ ގޮތުން މުސްޙަފެއް ވެސް ދެއްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ ހާފިޒުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިނިސްޓަރ ޒާހިރު ވިދާޅުވީ ވަރަށް އަވަހަށް އެކޮމިޓީއަށް ޔޫސުފް ހިފްޒު ކޮށްފައިހުރި މިންވަރު ބެލުމަށްޓަކައި ކިޔައިދޭނެ ކަމަށެވެ.
ޔޫސުފް ބިން މާޒިން އަކީ އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ކުއްޖާއެވެ.