ޢިލްމީ ގޮތުން މީސްތަކުން މިހައި ހޭލުންތެރި ޒަމާނެއްގައިވެސް ގިނަ ބައަކު އެންމެ ގިނަ ވަގުތު ހޭދަކުރަނީ ދެބައޮޑުވުމާއި ނެތިމޮށުމާއި މީސްތަކުންނާއި އަދި ކަންކަމާއިމެދު ބޭކާރު ވާހަކަތައް ދެއްކުމުގައެވެ. އެކަމުން އެމީހުންނަށް އެއްވެސް ފައިދާ ނުކުރާ އިރުވެސްމެއެވެ.
ގިނަ ބައަކު ދުވާލުގެ ވަގުތުތައް ހޭދަކުރަމުންދާ ގޮތަށް ބަލައިފިނަމަ މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވަގުތަކީ އެއިގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފިނަމަ އަތުން ބީވެގެންދާ އެއްޗެކެވެ. އަނބުރައި ނުވެސް ހޯދޭނެއެވެ.
މީސްތަކުންނޭވެ! މިކަންކަމަށް ފުންކޮށް ވިސްނައިލާށެވެ! ކޮންމެ މީހަކަށްވެސް ދުނިޔޭގައި ހޭދަކުރަން ލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ވީމާ ހަޔާތުގެ ކޮންމެ ހިނދުކޮޅަކީވެސް ވަރަށް އަގުހުރި އެއްޗެކެވެ. އެވަގުތހުކޮޅުގެ ބޭނުން ހެޔޮގޮތުގައި ނުހިފާތަނުގައި އިތުރު ފާފަތައް ކުރުމުން ޤިޔާމަްތ ދުވަހު އަހަރެމެންގެ ހާލަތަކީ ކޮބައި ހެއްޔެވެ؟
ކޮންމެ ދުވަހަކު ތިއަ ހޭދާކުރާ ބޭކާރު ވަގުތުތައް ހޭދކުރުން ހުއްޓައިލާށެވެ. ޤިޔާމަތް ދުވަހު ފައިދާކުރާނެ ހެޔޮ އަމަލެއއް ނޫނީ ނުކުރާށެވެ! އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީޙުންގެ ހާލުބަލައި އެހީތެރިވުމަކީވެސް ހަމަ ނުހަނު ސަވާބު ލިބޭނެ ކަންކަމެވެ. އެކަންކަމަކީ ވަގުތު ހޯދައިގެން ނަމަވެސް ކުރަން ޖެހޭނެ ކަންކަމެވެ. ވީމާ އާޚިރަތް ދުވަހު ފައިދާކުރާނެ ގޮތަކަށް ނޫނީ އެންމެ ފަޅި ސިކުންތެއްވެސް ހޭދަނުކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން